އެކްސިޑެންޓް

އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންދަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތައް ހުންނަ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު މީހާއަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުމަތީގެ އެއް ފަރާތެއްގައި ސައިކަލެއްގެ މަތީގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ ކާރުން ޖެހުމުން ސައިކަލުގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

އެކްސިޑެންޓަށް ފަހު އަނިޔާވި މީހާ ވަނީ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އޭނާގެ ހާލު މިވަގުތު "ސްޓޭބަލް" ނަމަވެސް އާއިލާއިން ބުނާ ގޮތުގައި މި މީހާގެ މޫނުގެ ކަށިތަކަށް ލިބިފައިހުރި އަނިޔާތަކަށް ފަރުވާކުރުމަށް އޮޕަރޭޝަން ކުރަންޖެހޭތީ އާއި އެ އޮޕަރޭޝަން ރާއްޖޭގައި ކުރެވެން ނެތުމުން އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެކްސިޑެންޓު ވުމުން ކާރުގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހުން ފިލާފައިވީ ނަމަވެސް މިހާރު ފުލުހުން ވަނީ އެމީހުން ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން އިކްރާމުއްރަހްމާން އަދި އިބްރާހީމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަށް ކޯޓުން ވަނީ މިދިޔަ ހުކުރު ދުވަހު އަމުރުކޮށްފަ އެވެ. އަދި ޖިނާހް އިސްމާއީލް ބަންދު ކުރީ 15 ދުވަހަށެވެ.