އެކްސިޑެންޓް

ބަސް ޑްރައިވަރުގެ ބަންދު އިތުރުކޮށްފި، މިފަހަރު ހަތް ދުވަސް

ހުޅުމާލޭގައި ބަހެއްގެ ދަށުވެ ޓޫރިސްޓު އަންހެނަކު މަރުވި އެކްސިޑެންޓްގައި، ނިދާފައި އިނދެ ބަސް ދުއްވި ދިވެހި ޑްރައިވަރުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބަސް ޑްރައިވަރުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ތިން ދުވަސް ޖަހައިފަ އެވެ. އެ މުއްދަތު ހަމަވާތީ އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ބަސް ޑްރައިވަރަކީ ބަސް އެމްޓީސީސީގައި ބަސް ދުއްވުމުގެ ދެ އަހަރުގެ ތަޖުރިބާ ލިބިފައި ހުރި މީޙެކެވެ.

އެ އެކްސިޑެންޓް ހިގައިފައިވަނީ ބަސް ދުއްވަން އިން ޑްރައިވަރު ނިދި ޖެހުމުން، ބަސް ކޮންޑަންޓަރު ޑްރައިވަރަށް ގޮވި ވަގުތު ބަސް ކޮންޓްރޯލުން ނައްޓާލައި، އަންހެން މީހާގެ ގައިގައި ޖެހި ބަސް ދަށުވެގެންނެވެ. މިއެކްސިޑެންޓާއި ގުޅިގެން އެބަސް ޑްރައިވަރު ވަނީ ހައްޔަރުކޮށް ބަނދުގެ މުއްދަތަށް ތިން ދުވަސް ޖަހައިފަ އެވެ.

ބަސް އެކްސިޑެންޓުގައި މަރުވި 31 އަހަރުގެ އަންހެން މީހާގެ ހަށިގަނޑު މިހާރު ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފަ އެވެ. މަރުވި އަންހެންމީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުން މިހާރު ވަނީ ޔޫކްރެއިން ހަށިގަނޑު ގެންދިޔުމުގެ ގޮތުން ނަގަން ޖެހޭ ހުއްދަތަށް ނެގުމަށް އެ އާއިލާއިން އިންޑިއާގައި ހުންނަ ޔޫކްރެއިންގެ އެމްބަސީއަށް ގޮސްފަ އެވެ.

މަރުވި މީހާގެ ހަށިގަނޑު ޔޫކްރެއިން އަށް ގެންދިޔުމުގެ ހުރިހާ ހަރަދެއް ކުރާނީ އެމްޓީސީސީ އިންނެވެ. ހަށިގަނޑު ޔޫކްރެއިން އަށް ގެންދެވެންދެން ބާއްވާފައި އޮތީ މާލޭގައި ހުންނަ މޯޗަރީގަ އެވެ.