މޯލްޑިވްސް ޕޮލިސް ސާވިސް

ބަސް ޑްރައިވަރުގެ ބަންދަށް ތިން ދުވަސް

ހުޅުމާލޭގައި އިއްޔެ ހެނދުނު ބަހެއްގެ ދަށުވެ ޓޫރިސްޓު އަންހެނަކު މަރުވި އެކްސިޑެންޓްގައި، ނިދާފައި އިނދެ ބަސް ދުއްވި ދިވެހި ޑްރައިވަރުގެ ބަންދަށް ކޯޓުން ތިން ދުވަސް ޖަހައިފި އެވެ.

އިއްޔެގެ އެ އެކްސިޑެންޓް ހިނގީ ބަސް ދުއްވަނިކޮށް ޑްރައިވަރު ނިދިޖެހި، ދުއްވުމުގެ އަމާޒުން ކައްސާލައިގެން ގޮހެވެ. ބަސް ޑްރައިވަރަށް ނިދުމާއެކު އެކްސިޑެންޓްވި ވަގުތު އެ ބަސް ގޮސް ޖެހުނީ ފިތުރޯނު މަގުން ހިނގާފައި ދިޔަ ޔޫކްރެއިންގެ ޓޫރިސްޓް އަންހެންމީހާގެ ގައިގަ އެވެ. އެ ވަގުތު އަންހެން މީހާ ބަހުގެ ދަށުވީ އެވެ. އެކްސިޑެންޓް ހިނގިއިރު ބަހުގައި މީހުން ވެސް ތިއްބެވެ. އެއިން މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެކްސިޑެންޓާ ގުޅިގެން މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބަނދުގެ މުއްދަތު އިތުރުކޮށްފައިވާ މީހާއަކީ އެމްޓީސީސީގައި ބަސް ޑްއިވަރެއްގެ ގޮތުގައި ވަޒީފާ އަދާކުރާތާ ދެ އަހަރުވެފައިވާ މީހެކެވެ.

އެމްޓީސީސީއިން ވަނީ މަރުވި އާއިލާގެ މީހާއަށް އެހީތެރިވަމުން އަންނަ ކަމަށް ބުނެފަ އެވެ. މަރުވި އަންހެން މީހާއާއެކު އޭނާގެ އެކުވެރިއަކު ރާއްޖެ އައިސް ހުރި އިރު އޭނާގެ ކަންކަަމަށް ވެސް އެމްޓީސީސީން އެހީވެދެ އެވެ.