ހުޅުމާލޭގައި ބާރު ސްޕޯޑެއްގައި ދުއްވި ސްޕޯޓްސް ކާރު އެކްސިޑެންޓްވީ މައްސަލައިގެ ޝަރީއަތުގައި ކާރު ޑުރައިވަރު ކުށަށް އިއުތިރާފުވެއްޖެ އެވެ.
ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާ ކުރެ އެވެ.
މީގެތެރެއިން އެކަކީ ކާރު ދުއްވި އިބްރާހިމް އިކްރާމް އެވެ. ކާރުގައި އެވަގުތު ތިބި އަނެއް ދެ މީހުންނަކީ ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި، ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލް އެވެ. މި ތިން މީހުންގެ މައްޗަށްވެސް ދައުވާ ކުރެ އެވެ.
ހުޅުމާލޭގެ ދެވަނަ ފޭސްގައި މިދިޔަ ޖުލައި މަހު ހިނގި އެކްސިޑެންޓުގައި މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ތިން މީހުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އިއްވުމުން އިބްރާހިމް އިކްރާމްގެ ވަކީލް ވިދާޅުވީ އިކްރާމް ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދަން ބޭނުންވެ އެކަން ހުށަހަޅާފައިވާނެ ކަމަށެވެ. އެކަމަކު ދައުލަތުން ދައުވާ ކުރި އަނެއް ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
މި މައްސަލާގައި ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓް ހިނގުމުން އެ ސަރަހައްދު ދޫކޮށް ދިޔަ ފަހުންނެވެ. މީގެތެރެއިން އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުއްޓާ ހައި ކޯޓުން އޭނާ ކުރިން ދޫކޮށްލި އެވެ. ނަމަވެސް ފަހުން އެހެން އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި އިކްރާމުއްރަހްމާން ވަނީ އޭނާ ސްޕޯޓްސް ކާރަށް އެރީ ޕަސެންޖަރެއްގެ ހައިސިއްޔަތުން މާލެ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި އާއިލީ ގެއަކަށް ދާން ކަމަށް ބުނެފަ އެވެ. އެކަމަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްދިނުމަށް އޭނާ ކޯޓުގައި އެދުމާ ގުޅިގެން އެކަންކަމަށް ރިއާޔަތްކޮށް ގާޒީ އަލީ ނަދީމު ވަނީ އޭނާ ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ އޭނާ ދޫކޮށްލަން އަންގާފަ އެވެ.