ސުޕްރީމް ކޯޓުން މިހާތަނަށް ނިންމާފައިވާ ހުރިހާ ނިންމުންތަކެއް ބަލައިލެވޭ ގޮތަށް ހާއްސަ އެޕްލިކޭޝަނެއް ތައްޔާރުކޮށް ބޭނުންކުރަން ފަށައިފި އެވެެ.
ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އާ ތަސައްވުރަކާ އެކު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ހިންގުމުގައި ކަރުދާސް މަދުކޮށް، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަމާއި، ހަލުވިކަމާއި އެކު ކުރިއަށް ގެންދިއުމަށް ފާއިތުވެދިޔަ އަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝަރުއީ ދާއިރާގެ ކޭސް ރިޕޯޓާ އެޕްލިކޭޝަން ތަރައްގީކޮށް ބޭނުންކުރަން ފެށުމެވެ. ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް އެ ކޯޓުން ނިންމާފައިވާ ހުރިހާ ނިންމުންތަކެއް މި އެޕްލިކޭޝަނަށް އަޕްލޯޑް ކޮށްފައިވެ އެވެ. އެކަމަކު މިވަގުތު އެޕްލިކޭޝަން ބޭނުންކުރަމުން ދަނީ އެތެރޭގެ ބޭނުންތަކުގައި އެކަންޏެވެ.
ސުޕްރީމް ކޯޓުން ބުނީ ކޭސް ރިޕޯޓާ އެޕްލިކޭޝަނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސް ނެގުމަކަށް ފެށުނު ޕްރޮޖެކްޓެއް ކަމަށެވެ. މި އެޕްލިކޭޝަން ޑިވެލޮޕްކޮށް ތަރައްގީކުރެވިގެން ދިޔައީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް ބަޔާނުގައިވެ އެވެ،
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެހީތެރިކަމާއި އެކު ހަދާފައިވާ އެޕްލިކޭޝަންގެ ދެވަނަ ފިޔަވަހި ނިިމިގެންދާއިރު މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް ވެސް ލިބިގެންދާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.
ސުޕްރީމް ކޯޓުގެ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 އިން މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީ 225 މައްސަލަ އެވެ. އެ މުއްދަތުގެ ތެރޭގައި 369 އަޑުއެހުމެއް ބާއްވާފައިވާއިރު 90 މައްސަލައިގައި ހުކުމް ކޮށްފައިވެ އެވެ. މީއީ އޭގެ ކުރީ އަހަރު ހުކުމްކުރެވުނު އަދަދަށް ވުރެ 29 ޕަސަންޓް އިތުރު އަދަދެކެވެ.
ސުޕްރީމް ކޯޓުން އިތުރަށް ބުނީ ކޮވިޑް 19ގެ އުދަނގޫ ހާލަތުގައި ވެސް ފަސޭހަކަމާ އެކު އަދުލު އިންސާފަށް ވާސިލްވެވޭނެ މަގު ފަހިކޮށްދެވުނު ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދައި، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުނު ކަމަށެވެ.