މުހައްމަދު ނާޒިމް

ސިޔާސީ ނުފޫޒުން ފަނޑިޔާރުން މިނިވަންކުރާނަން: ނާޒިމު

ސިޔާސީ ނުފޫޒުން ފަނޑިޔާރުން މިނިވަންކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ކ. ހުރާގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ނާޒިމު ވިދާޅުވީ ޖުޑިޝަރީ ނުހިނގާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވިދާޅުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

ނާޒިމު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް އިދާރީ ކަންކަން ކުރުމުގެ މިނިވަންކަން ނެތް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައިވަނިކޮށެވެ.

"ޖުޑިޝަރީއެއް ނުހިނގައޭ މި ވިދާޅުވަނީ ފަނޑިޔާރަކު. ޖުޑިޝަރީގެ ކަންކަން ރަނގަޅެއް ނޫނޭ އިންތިޒާމުކޮށްފަ އޮތް ގޮތް، އެމީހުން އަތުގައި ފައިސާއެއް ނެތޭ، މުޅި ޖުޑިޝަރީ އޮތީ ހަރާބުވެފަ،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ފަނޑިޔާރުންނަށް ބޭނުންވާ ވަސީލަތްތައް ނުދޭ ކަމަށާއި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު އައިސްފައިވާ ކަމަށެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ ޖޭއެސްސީ މިނިވަންކުރާނެ ކަމަށް ނާޒިމު ވައުދުވެވަޑައިގެންނެވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހުގެ ތެރެއިން ޖޭއެސްސީއަކީ މިނިވަންތަނެއްގެ ގޮތުގައި ހަދާނަން،" ނާޒިމު ވިދާޅުވި އެވެ.

ސިޔާސީ ނުފޫޒުން ފަނޑިޔާރުން މިނިވަންކޮށް ފަނޑިޔާރުންނާށް އެކަށީގެންވާ މުސާރަ ދޭނެ ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ. މީގެ އިތުރުން "ބޮލަށް ވެއްޓެންހުރި ކޯޓުތައް" ރަނގަޅުކޮށް، އިންސާފު ގާއިމުކުރަން ފަނޑިޔާރުންނަށް ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.