އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރާނެ ކަމަށް ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ކ. ހުރާގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ނާޒިމު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި ނަމަވެސް މަޖިލީހުގައި ކުރާނެ މަސައްކަތެއް ނޯންނަ ކަމަށެވެ.
މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު 20 ވަނަ މަޖިލީހަށް މެންބަރުންގެ އަދަދު އަނެއްކާވެސް އިތުރުވާކަން ނާޒިމު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަކީވެސް އެތާ އިންނަ މީހެއް. ހަގީގަތުގަ ކުރާނެ އެއްވެސް ކަމެއް ނޯވޭ. ކޮންމެ އަހަރަކު ތިން ފަހަރު ޗުއްޓީދީފަ ތިބޭ ބައެއް،" ނާޒިމު ވިދާޅުވި އެވެ.
ނާޒިމު ވަނީ މަޖިލިސް މެންބަރުންނަށް ކެއުމާއި އެލަވަންސްގެ އިތުރުން އަހަރު ތިން ފަހަރު ޗުއްޓީ ލިބޭކަންވެސް ފާހަގަކުރައްވާފަ އެވެ.
"އަޅުގަނޑުމެން އަމިއްލަ ނަފުސަށްވެސް ގަބޫލުނުކުރެވޭ އެތާ އިންނައިރު މިއީ ހައްގު މިންވަރުތޯ. ދޭވަރު ގިނައިން،" ނާޒިމު ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ މަޖިލީހުގެ މެންބަރުގެ އަދަދު މަދުކޮށް ޕޭ ކޮމިޝަން މެދުވެރިކޮށް ހުރިހާ މުސާރަތައް އެކަށީގެންވާ މިންވަރަށް ގެންނަވާނެ ކަމަށެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރާނެ ކަމަށް ނާޒިމު ވިދާޅުވިއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑި އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ގޮނޑި އިތުރުވާ އަތޮޅުތައް
- މާލެ ސިޓީއަށް ދެ ގޮނޑި
- އައްޑޫ ސިޓީއަށް އެއް ގޮނޑި
- ކ. އަތޮޅަށް އެއް ގޮނޑި
- ބ. އަތޮޅަށް އެއް ގޮނޑި
- ގއ. އަތޮޅަށް އެއް ގޮނޑި
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރަ އާއި އެލަވަންސާއެކު 82،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާނީ އާބާދީގެ ކޮންމެ 5،000 މީހަކަށް މެންބަރެކެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އާބާދީ އިތުރުވާ ވަރަކަށް މެންބަރުންވެސް އިތުރުވެ އެވެ. އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށް ދެކިގެން ބައެއް މަޖިލިސް މެންބަރުން މީގެ ކުރިން ވަނީ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. ނަމަވެސް މިފަދަ އިސްލާހުތައް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.