ސައުދު ހުސައިން

ޖޭއެސްސީ އެކުލަވާލުމުގެ ބާރު ދޭންވީ ސުޕްރީމް ކޯޓަށް: ސައުދު

ޖުޑިޝަލް ސާވިސް ކޮމިޝަން -- ޖޭއެސްސީ އެކުލަވާލުމުގެ ބާރު ސުޕްރީމް ކޯޓަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން މިއަދު ގޮވާލައްވައިފި އެވެ.

ސައުދު މިކަމަށް ގޮވާލެއްވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ސައުދުގެ ވާހަކަފުޅުގައި ވަނީ އަދުލުއިންސާފު ގާއިމުކުރުމުގެ ފުރިހަމަ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ފާހަގަކުރައްވާފަ އެވެ.

ސައުދު ވިދާޅުވީ ގާނޫނު ހެދުމުގެ ބާރު މަޖިލީހަށް އަދި ވެރިކަން ހިންގުމުގެ ބާރު ސަރުކާރަށް، ގާނޫނުއަސާސީގައި މުތުލަގަށް ދީފައިވާ ކަމަށެވެ.

"[އެކަމަކު] ޖުޑީޝަރީއަށް އަދުލު އިންސާފު ގާއިމުކުރަންވީމަ، ހޯހޯ. ކޯޓުތަކަށް ބޭނުންވާ ގޮތަށް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ދެވެން ނެތޭ ކިޔާފައި މި ދެ ބާރުން މި ބާރު ފުށްގަނޑަކަށް މޮޑެން މި މަސައްކަތް ކުރަނީ ކީއްވެތޯ؟،" ސައުދު ވިދާޅުވި އެވެ.

ޖޭއެސްސީ އިސްލާހުކުރަން ސަރުކާރުން ހުށަހެޅި އިސްލާހަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ޑިމޮކްރެޓުންނަށް ފާޑުވިދާޅުވަމުން ސައުދު ވަނީ ޖޭއެސްސީ އިސްލާހުކުރަން އެ މެންބަރުންނަށްވެސް ބާރު ލިބުނު ދުވަހު އެކަން ނުކުރެއްވި ކަމަށެވެ.

ޖޭއެސްސީ އަށް ސިޔާސީ ނުފޫޒު ނުވަންނަ ގޮތަށް އަލުން އެ ކޮމިޝަން އެކުލަވާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރު ވެވަޑައިގެންނެވި ވައުދެކެވެ.