ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެެވެ.
ޖޭއެސްސީ އިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަހާޒުގެ މައްސަލައެއް ބަލަން ނިންމީ ސުޕްރީމް ކޯޓުން ނިންމި މައްސަލައެއްގައި ހިމެނޭ ހަސްމަކާ ގުޅުން އޮތް ފަރާތަކުން ސުޕްރީމް ކޯޓަށް ގެންދިޔަ ފަރިއްކޮޅަކާ މަހާޒު ހަވާލުވެވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އެއީ މީގެ ދޮޅު އަހަރު ކުރިން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހު ޕީޕީއެމްއަށް ތާއީދު ކުރާ ފަރާތަކުން ސުޕްރީމް ކޯޓަށް ގެންދިޔަ ފަރިއްކޮޅެކެވެ. ނަމަވެސް އެ ފަރިއްކޮޅަކީ އާންމު އުސޫލުން އޯޑަރު ކުރައްވައިގެން ފަނޑިޔާރު އަމިއްލަފުޅަށް ފައިސާ ދައްކަވައިގެން ގެންނެވި ފަރިއްކޮޅެއް ކަމަށްވެސް އެނގިފައިވެ އެވެ. އެގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފަރިއްކޮޅު ދެއްވުމަކީ ސުޕްރީމް ކޯޓުގައި ހިނގާ ކަމެއް ކަމަށްވެސް އެނގިފައިވެ އެވެ.
ފަނޑިޔާރު އަލްއުސްތާޒު މަހާޒް އަލީ ޒާހިރުގެ މައްސަލަ ތަހުގީގުކުރުމަށް ފަނޑިޔާރު މަހާޒު އެއްބާރުލުން ނުދެއްވާ ކަމަށްވެސް ޖޭއެސްސީ އިން ކުރިން ބުނެފައިވެ އެވެ.
ނަމަވެސް ޖޭއެސްސީ އިން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ފަދަ ކަމެއް ހިނގާފައި ނުވާކަން ފާހަގަވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ގާޒީންގެ ސުލޫކީ މައްސަލަތައް ބެލުމަށްފަހު ޖޭއެސްސީން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމާއި ބައެއް ފަނޑިޔާރުން ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުން ފަދަ ފިޔަވަޅުތައް އަޅަ އެވެ.
ޖޭއެސްސީން ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުން ބައެއް ފަނޑިޔާރުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވެސް ވެ އެެވެ.