ވ. އާރަށު މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގޭ ބަންދަށް ބަދަލުކުރީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ޔާމީނަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ އަލް ޖަޒީރާގެ "ޓޯކް ޓު އަލް ޖަޒީރާ" ޕްރޮގްރާމް ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިހާބުވި ފަހުން ބައިނަލްއަގްވާމީ ނިއުސް އެޖެންސީ އަކަށް ދެއްވި ފުރަތަމަ އިންޓަވިއު އެވެ.
މިޕްރޮގްރާމްގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ޕްރޮގްރާމްގެ ޕްރެޒެންޓަރު ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.
"ޔާމީނުގެ މައްޗަށް އުފުލުނީ ސިޔާސީ ދައުވާއެއް. އެކަން ވަރަށް ސާފުކޮށް އެނގޭ،" ޕްރެޒެންޓަރަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.
ޔާމީން ގޭ ބަންދަށް ބަދަލުކުރުމުގެ ބަދަލުގައި ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލަ ކުރިއަށް ގެންގޮސް ޔާމީން މިނިވަން ނުކުރީ ކީއްވެގެންތޯ ޕްރެޒެންޓަރު ސުވާލު ކުރެއްވުމުން މުއިއްޒު ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒުކުރާ މީހަކު ގޭ ބަންދަށް ބަދަލުކުރުމަށް ގާނޫނުން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ފުރުސަތު ދޭ ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމު މިނިވަން ކަމަަށް ގަބޫލުކުރައްވަންތޯ ސުވާލުކުރުމުން މުއިއްޒު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމު މިނިވަން ނޫން ކަމަށް ވިދާޅުވެފަ އެވެ.
"ޝަރުއީ ނިޒާމު މިވަގުތު މިނިވަނެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ވިދާޅުވީ ޝަރުއީ ނިޒާމު މިނިވަން ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެ ކަމަށާއި އެކަމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.
"އެއް ކަމަކަށް ޖުޑިޝަލް ސާވިސް ކޮމިޝަން އޮތީ ވަރަށް ބޮޑަށް ސިޔާސީވެފައި. ގާނޫނަށް ބަދަލު ގެނެސް ސިޔާސީ ނުފޫޒު ޖޭއެސްސީއަށް ނުފޯރާ ގޮތް ހަދާނަން،" މުއިއްޒު ވިދާޅުވި އެވެ.