ޕީޕީއެމް

ގާޒީ ޝަކީލަށް ކުރިއެރުން ދިނީ ރައީސް ޔާމީނަށް އަނިޔާވެރިވުމަށް: ޕީޕީއެމް

Mar 6, 2023

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހުކުމް ކުރި ގާޒީ -- އަހްމަދު ޝަކީލްއަށް މަގާމުގެ ކުރިއެރުން ދިނުމަކީ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވެ، ސަރުކާރުން ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިހެން ބުނެފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަދި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ގާޒީ އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީ އިން އިއްޔެ ނިންމުމާ ގުޅިގެންނެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމުމަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެެއް ކަމަށެވެ. ސަރުކާރުން އެކަން އެގޮތަށް ކުރުން އެއީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް އަނިޔާވެރިވުން ކަމަށްވެސް ސިފަކޮށްފައިވެ އެވެ.

"ރައީސް ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނިކޮށް، ދަށުން ކޯޓުން ހުކުމް ޖެހި ގާޒީއަށް މަގާމުގެ ކުރިއެރުން ދިނުމަކީ ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ޖުޑިޝަރީއަށް ފޯރުވާ، ސަރުކާރު ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމުގައިވެސް ގަބޫލުކުރެވެ އެވެ. އަދި އެއީ ރިޝްވަތުގެ އަމަލެއްގެ ގޮތުގައިވެސް ބެލެވެ އެވެ." ބަޔާނުގައިވެ އެވެ.

ޕީޕީއެމް އިން ބުނީ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ސަރުކާރުގެ ނުފޫޒާއެކު، އެތައް މަންފާއަކާއި ވަޒީފާގެ ކުރިއެރުންތައް ހުށަހެޅި، ގާޒީ އަމިއްލަ އިހްތިޔާރުގެ ބޭރުން ކަމުގައި ދިވެހިންގެ ތެރެއިން އެތައް ބަޔަކު ގަބޫލުކުރާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރި ހައްގު ނޫން ހުކުމުގެ ހަދިޔާއެއްގެ ގޮތުގައި، އެއަށްވުރެ މަތީ މަގާމަކަށް ގާޒީ ޝަކީލު ބަދަލުކުރާނެ ވާހަކަ އެއީ މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ދައްކަމުން ދިޔަ ވާހަކައެއް ކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އެންމެ ފުރަތަމަ ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީ އަލީ ރަޝީދަށްވެސް އެތައް މަންފާއަކާއެކު ވަޒީފާގެ ކުރިއެރުން ވަނީ ލިބިގެން ގޮސްފަ އެވެ. މިފަދަ ކަންކަމުން ރައީސް ޔާމީންގެ މައްސަލަތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ މިންވަރު ސަބަބުވެރި އިންސާނުންގެ ސިކުނޑިތަކަށް ވިސްނެ އެވެ." ބަޔާނުގައިވެ އެވެ.

މިވެރިކަމުގައި ރައީސް ޔާމީން ކުރިން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލީ ރަޝީދު އެވެ. އެ ހުކުމް ކުރި ފަހުން ޖޭއެސްސީ އިން ވަނީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާފަ އެވެ.

ޕީޕީއެމް އިން އިތުރަށް ބުނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް -- ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ "ހައްގު ނޫން" ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު އެމައްސަލައިގެ އެއްވެސް ކަމެއް ހައިކޯޓުގައި ހިނގަމުން ނުދިޔުމަކީވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ރައީސް ޔާމީންގެ މައްސަލަ އަކީ ދިވެހިރާއްޖެއާއި ދިވެހި އެންމެހައި ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައަކަށްވާއިރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ އަވަސްކޮށް އިންސާފު ގާއިމުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ފަސްނުކޮށް ކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ޕީޕީއެމް އިން ގޮވާލާފައިވެސް ވެއެވެ.