ރައީސް އަބްދުﷲ ޔާމީން

އިސްތިއުނާފް އަޑުއެހުންތައް މާދަމާ ނިންމައިދިނުމަށް ޔާމީން އެދިވަޑައިގެންފި

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުގައި ސާބިތުވެފައިވާތީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް މާދަމާއަށް ނިންމައިދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އާރަށުގެ މައްސަލައިގެ ތިންވަނަ އަޑުއެހުމުގައި މާދަމާ އަޑުއެހުންތައް ނިންމާލަ ދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތީ މާދަމާއަށް ފަހު ކުރިއަށް އޮތް ނުވަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކަކަށްވާތީ އެވެ.

ކުރީގެ ދެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ އާރަށުގެ މައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމުގެ ފަރާތުން ހުށަހަޅާ އިސްތިއުނާފް ނުކުތާތައް ހުށަހެޅުމެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާ އިސްތިއުނާފް ހުށަހެޅުންތައް ހުށަހެޅުމެވެ. ތިންގަޑިއިރަށް ކުރިއަށް ގެންދިޔަ މިއަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ޖުމުލަ 14 ނުކުތާ ހުށަހަޅާފަ އެވެ.

މިއަދުގެ އަޑުއެހުން ނިމުމުގެ ކުރިން ފުރުސަތު އެދިވަޑައިގަތުމަކަށްފަހު ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކުރިއަށް އޮތީ ދިގު ބަންދަކަށްވާތީ މާދަމާއަށް ޝަރީއަތެއް ތާވަލްކޮށް އަޑުއެހުންތައް ނިންމާލަދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ނަމަވެސް މާދަމާ އަޑުއެހުމެއް ބާއްވާނެ ކަމަކަށް ތިން ފަނޑިޔާރުން ހިމެނޭ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު ކޯޓުގެ ތާވަލަކީ ދުރާލާ އެކުލަވާލާ އެއްޗެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުން ކުރިއަށް ގެންދަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނެނީ ފަނޑިޔާރު ހުޒައިފާގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުން އަވަސްކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައި މިވަނީ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްނުކުރާހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަން ޔަގީންކުރެވޭތީ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ ރައީސް ޔާމީނަށެވެ. އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.