ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ ތަފްސީލް ރިޕޯޓް މިއަދު ދޫކޮށްފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ އާދަމް ޝަމީމް ވަނީ މިއަދު ރިޕޯޓް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް ކަމުގައިވެސް ވިދާޅުވި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ހުކުމްގެ ތަފްސީލް ރިޕޯޓް ހޯދުމަށް ގާނޫނީ ވަކީލުންގެ ޓީމުން ހަމަ އެ ދުވަހު ކޯޓަށް ހުށަހަޅާފައިވެ އެވެ. އެކަމަކު ތަފްސީލް ރިޕޯޓް މިއަދު ލިބިފައި މިވަނީ މިރިޕޯޓް ހޯދުމަށް ގާނޫނީ ޓީމުންނާއި އިދިިކޮޅު ކޯލިޝަންގެ ލީޑަރުން ކްރިމިނަލް ކޯޓަށް ތަކުރާރުކޮށް ވަޑައިގެންނެވި ފަހުންނެވެ.
ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ ހުލާސާ ރިޕޯޓު ވެސް ލިބުނީ ގާނޫނުގައި އެ ރިޕޯޓު ދޭން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒު މީގެކުރިން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ނުކުރެވިގެން އުޅެނީ އިސްތިއުނާފް މަރުހަލާއަށް ބޭނުންވާ އެއް މަސްދަރު ކަމަށްވާ ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙްޟަރު ބަޔާންތައް ހުލާސާ ރިޕޯޓުގައި ނެތުމުންނެވެ.
ރައީސް ޔާމީނަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް 60 ދުވަހުގެ މުހުލަތެއް ލިބޭނެ އެވެ.
ރައީސް ޔާމީންގެ މަައްޗަށް ކޮށްފައިވަނީ "ހަރާމް" ހުކުމެއް ކަމުގައި ބުނެ ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ދަނީ މާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކަށް އެއްވެ ކޮންމެ ރެއަކު މުޒާހަރާކުރަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިހާރު އިއްވާފައިވާ ޖަލު ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ނުކުރަނީސް ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.