ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް މައްސަލަ ބަލައިގަތުން ލަސްވަމުންދާތީ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ހައިކޯޓަށް ހިނގައްޖެ އެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ކޯޓަށް މިއަދު ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް ގޮސްފަ އެވެ. މިބޭފުޅުން ޖޭއެސްސީ އަށް ވަޑައިގަތީ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި ފަނޑިޔާރު އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް، ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޖޭއެސްސީ އިން ނިންމާފައިވާތީ ކަންބޮޑުވުންތަކެއް ހިއްސާކުރެއްވުމަށެވެ.
ހައިކޯޓާއި ޖޭއެސްސީއަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުން ހައިކޯޓަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ މައްސަލަ ބަލައިގަތުން ލަސްވާތީ ރަޖިސްޓްރާއާ ބައްދަލުކުރުމަށް ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވި ކަމުގައި ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން މިހާރު މިނިންމީ މިމައްސަލަ ބަލައިގަންނަންދެން ކޮންމެ ދުވަހަކު ހައިކޯޓަށް އަންނަން. އެގޮތުން މާދަމާ ވެސް އަންނާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި މައްސަލައިގެ ދެ ހަސްމުން ފިޔަވާ އެހެން ބަޔަކާ މައްސަލައާ ގުޅޭގޮތުން ކޯޓުތަކުގެ ކަމާ ގުޅޭ ބޭފުޅުން ބައްދަލެއް ނުކުރައްވަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޖޭއެސްސީއަށް އެ ބޭފުޅުން ވަޑައިގެން ޖޭއެސްސީގެ ސެކްރެޓަރީ ޖެނަރަލްއާ ބައްދަލުކުރައްވާ ގާޒީ ޝަކީލްއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފަ އެވެ. އެ ކަންބޮޑުވުންތައް ބައްލަވައި ފިޔަވަޅެއް އަޅަންޖެހޭ ކަމެއް އޮތް ނަމަ އެކަމެއް ކުރާނެ ކަމަށް ޖޭއެސްސީ އިން ބުނި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ރައީސް ޔާމީނަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށްވީތީ އެމަނިކުފާނުގެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ބަލަންޖެހޭނެ އެެވެ. އެމައްސަލަ ކުރިއަަށް ނުދަނީ ސަރުކާރުގެ ނުފޫޒާ ހެދި ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.