ޖޭއެސްސީ

ޖޭއެސްސީއަށް ލަފާ ދިނުމަށް ބޯޑެއް އެކުލަވާލައިފި

ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ ބޭނުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދިނުމަށް ބޯޑެއް އެކުލަވާލައިފި އެވެ.

ޖޭއެސްސީ އިން ބުނީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަން ބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއް ކަމަށް ހެދުމަށް ބޭނުންވާ ކަމަށެވެ. އެހެންވެ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީއަށް ލަފާދިނުމަށްޓަކައި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް "ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމަށް ޖޭއެސްސީ އިން ނިންމާފައިވާ ކަމަށެވެ.

ބޯޑުގައި ހިމެނޭ ބޭފުޅުން

  • އުއްތަމަފަނޑިޔާރު
  • ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް
  • ހައިކޯޓުގެ އިސްފަނޑިޔާރު
  • ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލް ކުރައްވާ ފަނޑިޔާރު
  • ޖޭއެސްސީގައި ހައި ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު
  • ޖޭއެސްސީގައި ދަށު ކޯޓުތައް ތަމްސީލު ކުރައްވާ ފަނޑިޔާރު
  • ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަން ކުރައްވާ ފަނޑިޔާރު
  • މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރު
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު

ޖޭއެސްސީ އިން އިތުރަށް ބުނީ މި ބޯޑުގައި ހިމެނޭ ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަން ކުރައްވާ ފަނޑިޔާރާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރު އައްޔަންކުރެވޭނީ ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުސޫލަކުން ކޮންމެ އަހަރަކުން އެއް ފަހަރު ބަދަލުވާ ގޮތުގެމަތިން ކަމަށެވެ.