ޑީޖޭއޭ

އައްޑޫ ކޯޓް ކޮމްޕްލެކްސް އިމާރާތްކުރަން އެސްޖޭއަށް

އައްޑޫ ސިޓީގައި ހެދުމަށް ނިންމާފައިވާ އައްޑޫ ކޯޓް ކޮމްޕްލެކްސް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒްނާ އެވެ. އެސްޖޭ ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއިކުރެއްވީ ވަނީ އެ ކުންފުނީގެ އެއް ޑިރެކްޓަރު ޝިހާދު އިބްރާހީމް އެވެ.

ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށް ގެންދާ އެސްޖޭއަށް މިމަޝްރޫއު ހަވާލުކުރީ 128 މިލިއަން ރުފިޔާ އަށެވެ.

އައްޑޫގައި ކޯޓް ކޮމްޕްލެކްސް އަޅަން ކިޔާތާ އެތައް އަހަރެއް ފަހުން މިމަޝްރޫއު ކުރިއަށް ގެންގޮސްދޭނެ ކޮންޓްރެކްޓަރެއް ހޯދަން ބައިނަލްއަގްވާމީ ބިޑިންއެއްގެ ތެރެއިން އިއުލާންކުރީ މިދިޔަ އަހަރުގެ މާޗު މަހު އެެވެ.

ހިތަދޫގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ އިމާރާތް ހުންނާނީ ތިން ބުރި އަށެވެ. އެންމެ ތިރީގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓެވެ. ފުރަތަމަ ބުރީގައި ސިވިލް ކޯޓާއި ފެމެލީ ކޯޓެވެ. ދެވަނަ ފްލޯގައި ހުންނަނީ އިދާރީ އޮފީހެކެވެ.