އައްޑޫ ސިޓީގެ މަގުތަކުގައި ގިނަ ދުވަސްވީ އުޅަނދުތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ހިތަދޫ އަވަށުގައި ހިންގާ ސާވިސް ގަރާޖްތަކުގެ ކުރިމަތިން މަގުމަތީގައި ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ވެހިކަލްތައް މަރާމާތު ކުރުމަށް ގެންގޮސް ބަހައްޓާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތަށް މަގުމައްޗަށް ވެހިކަލްތައް ދޫކޮށްލާފައި ހުރުމަކީ މަގުބޭނުންކުރާ މީހުންނަށް އުނދަގޫވާނެ ކަމެއްގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓްތަކަށް މަގުފަހިވަމުންދާ ކަމެއްކަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
އެ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ވެހިކަލްތައް އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އަންގާފަ އެވެ.
މި މުއްދަތުގެ ތެރޭގައި މިތަކެތި ނުނަގައިފިނަމަ އާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅައި ފުލުހުންގެ އެހީތެރިކަމާއިއެކު އެސަރަހައްދުން އެތަކެތިނަގާ ޓޯކުރާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.