ޑީޖޭއޭ

އައްޑޫ ކޯޓް ކޮމްޕްލެކްސް ޑިޒައިންކުރަން ހަވާލުކޮށްފި

އައްޑޫ ސިޓީގައި ހަދާ ކޯޓް ކޮމްޕްލެކްސް ކުރަހާ ޑިޒައިން ކުރަން ބަޔަކާ ހަވާލު ކޮށްފި އެވެ.

ކޯޓު ކޮމްޕްލެކްސް އިމާރާތެއް އައްޑޫގައި ހަދަން ހަމަޖައްސާފައި އެ އަތޮޅުގެ ހިތަދޫގަ އެވެ. ކޮމްޕެކްސް ޑިޒައިންކޮށް، ކުރެހުންތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަނާއި ބީއޯކިއު އާއި ޓެންޑާ ޑޮކިއުމެންޓްސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އިއުލާނުގެ މުއްދަތު ހަމަވެފައިވާތީ އެ މަސައްކަތާ ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑިމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފިޝަލަކު ވިދާޅުވީ އިމާރާތް ޑިޒައިން ކޮށްދޭން ނުވަ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅު ބިޑް ހުށަހެޅި ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ މައުލޫމާތު ޑީޖޭއޭ އަކުން ނުދިނެވެ.

އައްޑޫގައި ކޯޓު ކޮމްޕްލެކްސްއެއް އެޅުމަށް ނިންމާފައިވާތީ އެތަން ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން މީގެ ކުރިން ދެ ފަހަރަކު އިއުލާނު ކުރި އެވެ. އެ ދެ ފަހަރުވެސް ލިބުނު ތަރުހީބު ކުޑަވުމުން އެ މަސައްކަތް ބަޔަކާ ހަވާލުކުރީ ތިންވަނަ ފަހަރަށް އިއުލާންކޮގެނެވެ.

ހިތަދޫގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ އިމާރާތް ހުންނާނީ ތިން ބުރިއަށެވެ. އެންމެ ތިރީގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓެވެ. ފުރަތަމަ ބުރީގައި ސިވިލް ކޯޓާއި ފެމެލީ ކޯޓެވެ. ދެވަނަ ފްލޯގައި ހުންނަނީ އިދާރީ އޮފީހެކެވެ.

ސ، މީދޫގައި މިހާރުވެސް ހައިކޯޓުގެ ދެކުނު ގޮފި ހިންގަ އެވެ. އެކަމަކު އެ ގޮފި ހިންގަނީ މީދޫގައި ހުންނަ އެސްޓީއޯގެ އިމާރާތެއްގަ އެވެ.