ޖިނާއީ މައްސަލަތަކުގައި ތަހުގީގީ މަރުހަލާއިން ފެށިގެން ޝަރީއަތުގެ މަރުހަލާއާ ހަމައަށް ބޮޑެތި ގޯސްތައް ހަދަމުންދާތީ ކަމާގުޅުން ހުރި އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.
ޖުޑިޝަރީ ކޮމިޓީގައި މިއަދު ވަނީ ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތަށް މައްސަލަތައް ކުރިއަށް ނުދާތި އެކަމާ މެމްބަރުން މަޝްވަރާކުރައްވާފަ އެވެ. އެކަމަކު ގިނަ މެމްބަރުން ވަނީ މައްސަލަތަކުގައި ތަހުގީގީ މަރުހަލާއިން ފެށިގެން ގޯސްތައް ހަދަމުންދާކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވަނީ ބޮޑެތި ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައި އެ މައްސަލަތައް ސާބިތުނުވެ ދިޔައީ ފުލުހުންނާއި ދައުލަތުގެ ބޮޑެތި އިހުމާލުންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ބްލޮގަރު ޔާމީން ރަޝީދުގެ މަރު މައްސަލައިގައި މިމަހުގެ 19 ވަނަ ދުވަހު ކުރި ހުކުމުގައި ހަތަރު މީހަކު ސަލާމަތްވި ކަމާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސުޕްރީމް ކޯޓުން މިނިވަންކުރި ގޮތާއި އެ މައްސަލަތަކުގައި ހަދާފައިވާ ގޯސްތައް ވިދާޅުވެ ދެއްވި އެވެ.
އިދާރާތަކުން ހަދާ ގޯސްތަކުގެ ސަބަބުން ބޮޑެތި ކުށްވެރިން މުޖުތަމައުގެ ތެރެއަށް ދޫވެގެންދާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން ޒަރީރު ފާޑުވެސް ވިދާޅުވި އެވެ.
"ތަކުރާރުކޮށް އެއްބާވަތެއްގެ އެއް މައްސަލަތަކެއްގައި ކޯޓު މަރުހަލާއިން އެ މައްސަލަތަކުގެ ހެކި އިޖުރާއަތްތަކާ ހިލާފަށް ހޯދުމުގެ ސަބަބުން އަދި އެހެން ނޫނަސް ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަނުކުރުމުގެ ސަބަބުން ދައުލަތުން އެތައް ހަރަދެއްކޮށް އެތައް އަހަރެއް ވަންދެން އެތައް ބަޔަކު ތަހުގީގުގައި އެ މައްސަލައިގައި އެތައް ބާވަތެއްގެ މަސައްކަތެއް ކުރުމަށްފަހު އެތައް ވަގުތުތަކެއް ހޭދަކުރުމަށްފަހުގައި ދައުލަތުން އެތައް ބޮޑު ހަރަދުތަކެއް ކުރުމަށްފަހު މި ދަނީ ސާބިތުނުވެގެން ހަމަ ސިލީ ކުދިކުދި މިސްޓޭކްތަކުގެ ސަބަބުން،" ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް އެދިގެން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހުން ގެނެސްދޭ ކަމަށެވެ. އެކަމަކު އެ ގާނޫނުތަކާ އެއްގޮތަށް ބައެއް އިދާރާތަކުން އަމަލުނުކުރާ ކަމަށް ތުހުމަތުކުރެއްވި އެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު ވެސް ވަނީ ކޯޓުތަކުގައި ހިނގާ މައްސަލަތައް ލަސްވާކަމާއި އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މުއްދަތުތަކެއް ކަނޑައަޅާފައިވާއިރު އެ މުއްދަތުތަކުގެ ތެރޭގައި މައްސަލަތައް ކުރިއަށް ނުގެންދާކަން ފާހަގަކުރައްވާފަ އެވެ.
މެމްބަރުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް ހަސަން ލަތީފް ވަނީ ފަސް އިދާރާއެއް ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފަ އެވެ. އެ އިދާރާތަކުގައި ހުރި މައްސަލަތަކަކީ ކޮބައިކަމާއި، ހުރި ދަތިތަކަކީ ކޮބައިކަން ސާފުކުރުމަށް އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޓީއަށް ހާޒިރުކުރާ ފަސް އިދާރާ
- ޕްރޮސެކިއުޓާ ޖެނެރަލް
- މޯލްޑިވްސް ޕޮލިސް ސާވިސް
- ޕޮލިސް ބޯޑުގެ މެމްބަރުން
- ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)
- ޖުޑިޝަލް ސާވިސް ކޮމިޝަން
ހަސަން ލަތީފްގެ ހުށަހެޅުމާ އެއްގޮތަށް އިދާރާތައް ކޮމިޓީ އަށް ހާޒިރުކުރަން ފާސްވީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ޖިނާއީ މައްސަލަތަކުގައި ފުލުހުންނާއި އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުން ވެސް ހަދާ ގޯސްތަކުގެ ސަބަބުން ބޮޑެތި ކުށްވެރިން މުޖުތަމައަށް ދޫވާ މައްސަލަ އަކީ ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. ޔާމީން ރަޝީދު މައްސަލައިގައި ވެސް ހަތަރު މީހުން ދޫވެގެން ދިޔައީ ދައުލަތުން ހަދާފައިވާ ގޯސްތަކެއްގެ ސަބަބުންނެވެ. އެ މައްސަލައިގައި ފުލުހުން ވެސް އެތައް ގޯސްތަކެއް ހަދާފައިވެ އެވެ. އެކަންކަމާ ގުޅިގެން އިދާރާތަކަށް އަބަދުވެސް ފާޑުކިޔުން އަމާޒުވެ އެވެ.