މީގެ ހަތަރު އަހަރު ކުރިން، 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޔާމީން ރަޝީދު ވަރަށް ރަހުމްކުޑް ގޮތަކަށް މަރައިލި އެވެ. އޭނާގެ ހަށިގަނޑުގެ 34 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. ޔާމީނަކީ 2014 ވަނަ އަހަރު ގެއްލުނު އަހުމަދު ރިލްވާންގެ ގާތް އެކުވެރި އެވެ. އޭނާ ގެއްލުމުން އިންސާފު ހޯދުމަށް ގޮވައިލައި ޔާމީން އިސް ސަފުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.
ޔާމީންގެ މަރާ ގުޅިގެން ފުލުހުންގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ގިނަ ވާހަކަތަކެއް އެނގިގެން ދިޔަ އެވެ. ޔާމީން ދިރިއުޅުނު ގޭގައި އެއްރެއެއްގެ ދަންވަރު ދެ މީހަކު ވެގެން ހަމަލާދީ އޭނާ ޒަހަމްކޮށްލި ވީޑިއޯ އާއި އެގެ ކައިރީ ފާރަވެރިވެގެން ތިބި މީހުންގެ ވީޑިއޯތައް ފުލުހުން ހާމަކުރި އެވެ. އެމީހުން އަތުލައިގަނެ، ބަންދުކޮށްގެން ޝަރީއަތް ހިންގަން ފެށި އެވެ.
މި މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށް ދައުލަތުން ދައުވާ އުފުލި އެވެ. ޔާމީން މަރައިލީ ދުރާލާ ރާވާ މަޝްވަރާތަކެއް ކޮށްގެން، އެކިމީހުންނަށް ޓާސްކްތައް ބަހާލައިގެންނެވެ. އެންމެންގެ މައްޗަށް ވެސް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މީހަކު މެރުމުގެ ކުށުގައި ބައިވެރިވާ އެންމެންގެ މައްޗަށް ގަސްދު މަރުގެ އަދަބު ހިނގާނެ ކަމަށް ދައުލަތުން ދެކެ އެވެ.
ދައުލަތުން އެ ދައުވާ އުފުލީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލާއި، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ މައްޗަށެވެ.
ހަތަރު އަހަރަށް ފަހު މިދިޔަ ބުދަ ދުވަހު މި މައްސަލައިގެ ހުކުމް ވަނީ އިއްވާފަ އެވެ. ހުކުމް ކުރުމުގެ މަޖިލީސް 10 ގަޑިއިރަށް ދެމިގެން ދިޔަ އެވެ. އެ ދުވަހުގެ ހެނދުނުއްސުރެ ކޯޓު ދޮށުގައި އަދި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހުންގެ އާއިލާއާ އެކުވެރިން، އަދި ޔާމީންގެ އާއިލާގެ މީހުން ތިބީ އަންނާނެ ހުކުމެއްގެ އިންތިޒާރުގަ އެވެ. ހުކުމް އަންނާނެ ގޮތަކާމެދު އެންމެންވެސް ތިބީ ސުވާލުތަކެއްގެ ތެރޭގަ އެވެ. ހުކުމް އިއްވިއިރު ކުށްވެރިވީ ދެ މީހެކެވެ. އެއީ ހައިޝަމް އާއި ޒިހާން އެވެ. އެ ދެ މީހުންނަކީ ޔާމީން ދިރިއުޅޭ މ. ސްޕެޓިއުލާ ގެއަށް ވަދެ އޭނާއަށް ހަމަލާ ދިން ދެ މީހުންނެވެ. ވީޑިއޯތަކުން ސާފުކޮށް އެ މަންޒަރު ފެނެ އެވެ.
މައްސަލަ ސާބިތުވި ދެ މީހުންނަށް އިއްވާފައި ވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާގެ އަހަރު ދުވަސްތެރޭ ދެއްކުމަށް ހުކުމްގައި އޮތެވެ. އެ ހުކުމުން އެމީހުން މިހާތަނަށް ބަންދުގައި ތިބި މުއްދަތު އޮތީ އުނިކޮށްފައެވެ. އެއީ ހަތަރު އަހަރާއި އަށް މަހާއި 11 ދުވަހެވެ. އެހެން ކަމުން ދެން ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި 19 ދުވަހުގެ ޖަލު ހުކުމެވެ.
ދައުވާގެ ބާވަތުން އަނެއް ހަތަރު މީހުން ވަރަށް ފަސޭހަ އިން މައްސަލައިން ސަލާމަތްވި އެވެ. ނަމަވެސް އެތައް އިހުމާލެއް، އެތައް ގޯސްތަކެއް މައްސަލައިގެ ތެރެއިން ފެންނަން އޮތެވެ. އެކަންކަން 120 ސަފްހާގެ ހުކުމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. ތަހުގީގީ މަރުހަލާގައި އެތައް ގޯސްތަކެއް ހަދާފައިވާއިރު ދައުލަތުން ވެސް ބޮޑެތި ގޯސްތަކެއް ހަދައިފައިވާ ކަމަށް ބުނެފައިވެ އެވެ.
ހަތަރު މީހުން ސަލާމަތްވީ ކީއްވެ؟
ގަސްދު މަރުގައި ތިން ރުކުނެއް ވެއެވެ. ފުރަތަމަ ކަމަކަށް މަރާލެވުނު މީހާއަކީ ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ މީހެއް ކަމުގައި ވާން ޖެހެ އެވެ. ދެވަނަ ރުކުނަކީ ގާތިލްގެ ގަސްދަކީ މަރައިލުން ކަމުގައިވުމެވެ. އަދި ގާތިލް ނުވަތަ ދައުވާ ލިބޭ ފަރާތަކުން ކުރި އަމަލެއްގެ ސަބަބުން ގަތުލުވުމަކަށް ވާން ޖެހެ އެވެ.
މީގެ ތެރެއިން ފުރަތަމަ ދެ ރުކުން ހުރިހާ އެންމެންގެ މައްޗަށް ސާބިތުވެ އެވެ. ސުވާލު އުފެދުނީ ޔާމީން މަރުވީ އެމީހުން ކުރި އަމަލެއްގެ ސަބަބުން ކަމާމެދު އެވެ. އެގޮތަށް ބަލާއިރު މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ޒިޔާދަކީ އެންމެ ފުރަތަމަ ޒިހާންގެ ބަދަލުގައި ޔާމީނަށް ހަމަލާ ދިނުމުގެ ޓާސްކާ ހަވާލުވި މީހާ އެވެ. އެކަން އެނގެނީ މައްސަލައިގެ މުހިންމު ސިއްރު ހެކިވެރިއެއްގެ ހެކިބަހުންނެވެ. އޭނާ ވަރަށް ތަފްސީލުކޮށް އެކަން ރޭވި ގޮތާއި ކަން ހިނގާ ދިޔަ ގޮތް ކިޔައިދިނެވެ.
އެ ހެކިވެރިޔާ ކިޔައިދިން ގޮތުގައި ޒިޔާދުގެ ފަޔަށް އަނިޔާއެއް ލިބުމުގެ ސަބަބުން އެކަން ޒިހާންއާ ހަވާލުކުރީ އެވެ. ޒިޔާދުގެ ފަޔަށް ހަގީގަތުގައި ވެސް އަނިޔާއެއް ލިބިފައިވާކަން، އޭނާގެ ގެއިން ފެނުނު ހޮސްޕިޓަލު މެމޯތަކަކުން ސާބިތުވެ އެވެ. އެހެން އެކަން އޮތަސް ޒިޔާދު ޔާމީން މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ދައުލަތަކުން ހުށަހަޅާފައެއް ނުވެ އެވެ. އެހާ ހިސާބުން އަމަލީ ގޮތުން އޭނާ މި ކަމުގައި ބައިވެރިވި ކަމަށް ދައުލަތުން ބުނާ ބުނުން ސާބިތު ނުވާ ކަމަށް ކަނޑައެޅީ އެވެ.
ޝިފާޒާއި ދިފްރާންގެ މަސައްކަތަކީ ޔާމީން ދިރިއުޅުނު ގެޔާއި އޭނާ މަސައްކަތްކުރި އޮފީސް ކައިރީގައި އޭނާއަށް ފާރަލާ އޭނާ އުޅޭ ނޫޅޭ ގޮތް ބަލައި އަދި އެކަމުގެ ހަބަރު ފޯރުކޮށްދިނުމެވެ. ހެކި ނައްތައިލުމަށް ދިފްރާން މަސައްކަތްކުރި ކަމަށް ވެސް ތުހުމަތުކުރި އެވެ. ޔާމީން މަރައިލި ދުވަހު ހެނދުނު ޝިފާޒާއި ދިފްރާން ސްޕެޓިއުލާ ގެ ކައިރީ އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އެކަމަކު ހާދިސާ ހިނގި ރޭ ދެ މީހުން ފެނުނުގެ ކަމުގެ ހެއްކެއް ނެތެވެ. އެހެންވެ ދެ މީހުން ވެސް ކުށުގެ އަމަލުގައި ބައިވެރިނުވާ ކަމަށް ސާބިތުވީ އެވެ. ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ދައުލަތުން އެމީހުންނާ ދެކޮޅަށް 60 ހެކި ހުށަހެޅި ނަމަވެސް، ދިފްރާނާ ގުޅުވައިލެވޭ އޮތީ އެންމެ ދެ ހެއްކެވެ.
"... ނަމަވެސް ދައުލަތުން ބުނެފައިވާ ގޮތަށް ޔާމީން ރަޝީދު މަރައިލި މައްސަލައާ ގުޅޭ ހެކި ނައްތާލުމަށް ކުރި މަސައްކަތަކީ ކޮބައިކަމާއި، ދައުލަތުން ކުޅަ ދައުވާގައި ގާނޫނީ މާއްދާގައިވާ ގޮތަށް ޔާމީން ރަޝީދު މަރާލުމުގެ އަމަލުގެ ގޮތުގައި ކުރީ ކޮން އަމަލެއްކަން ދައުލަތުން ހުށަހެޅި ހެކި ގަރީނާތަކުން އެނގެން ނެތުމުން، ގަސްދު މަރުގެ ތިން ވަނަ ރުކުން ޝަރީއަތަށް ސާބިތުނުވެއެވެ." ހުކުމުގައި ގާޒީ އާދަމް މުހައްމަދު ބަޔާންކުރައްވާފައިވެ އެވެ.
ދައުވާއިން ސަލާމަތްވި އިސްމާއީލް ރަޝީދަކީ، ކުށް ސާބިތުވި ހައިޝަމް އެ ގެ ކައިރިއަށް ގެންދިޔަ މީހާ އެވެ. އެ ގެ ކައިރިން އެއް ހެކިވެރިޔާ ވަނީ ހައިޝަމް ފާހަގަކޮށްފަ އެވެ. އިތުރު ހެކިންގެ ހެކިބަހުން އެ ސަރަހައްދުން އިސްމާއީލް ރަޝީދު ފާހަގަކޮށްފައި ނުވާ ކަމަށް ހުކުމުގައި ބުނެ އެވެ. ހެކިބަސް ދިން ހެކިވެރިޔާގެ ހެކިބަހުން ވެސް ޔާމީން މަރައިލަން އޭނާ ހިންގި އަމަލެއް އެނގޭން ނެތުމުން އެ ރުކުން އޭނާގެ މައްޗަކަށް ވެސް ސާބިތެއް ނުވެ އެވެ،
"ލުއި މިންގަނޑުން ދައުވާ ކުރެވެން އޮތް"
ކުށުގެ އަމަލު މި މީހުން ހިންގާފައި ވަނީ ދުރާލާ ރާވައިގެންނެވެ. ފުރުގާނު މިސްކިތުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވި ކަމަށް ސިއްރު ހެކިވެރިޔަކު ހެކި ބަސް ދެމުން ބުންޏެވެ. އެކި މީހުންނަށް އެކި ޓާސްކްތައް ބަހާލައިގެން ވަރަށް ރަގަޅަށް ކަންކަން އިންތިޒާމް ކުރި އެވެ. އިސްކޮށް އުޅުނީ ހައިޝަމް އެވެ. ޔާމީނަކީ ދީނަށް ފުރައްސާރަކުރާ މީހެއް ކަމަށާއި އޭނާ މަރައިލަން ޖެހޭ ކަމަށް އެންމެ ފުރަތަމަ ބުނީ ހައިޝަމް އެވެ. މިއީ ހެކިވެރިޔާގެ ވާހަކަތަކެވެ.
މި މައްސަލައިގައި ގަސްދު މަރުގެ ދައުވާ ނުއުފުލޭނެ ކަމަށް ދައުވާ ލިބޭ މީހުން ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމަށްވެސް ހުކުމްގައި ބުނެ އެވެ. މި މައްސަލައިގައި ދައުވާ ބަދަލުކުރުމަށް މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރީން، ކުރިން މި މައްސަލަ ބެއްލެވި ގާޒީ ދެއްވި އެވެ. އެކަމަކު އެ ފުރުސަތުގައި ވެސް ދައުލަތުން ދައުވާ އިސްލާހު ކުރާކަށް ބޭނުމެއް ނުވި އެވެ.
ހުކުމްގައި ވަރަށް މުހިންމު އެހެން ކަމެއް ވެސް ފާހަގަކޮށްފައިވެ އެވެ. އެއީ ދައުވާކޮށްފައިވާ ކުށުގެ އަމަލުން ސާބިތުވާ އެހެން ކުށެއް އޮތްނަމަ، އެކަން ސާބިތުކުރުމަށް އެދުމުގެ ފުރުސަތެވެ. އެގޮތުން ހެކިބަސް ނެގުމާއި ހުކުމް ކުރުމާ ދެމެދު ދައުލަތަށް އެކަަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެއިން ކަމެއް ވެސް ދައުލަތަކުން ނުކުރެ އެވެ. އެފުރުސަތަށް ނޭދެނީސް، ދައުވާ ލިބޭ މީހުންނަށް އެކަމަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ގޮތެއް ނިންމުމަކީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ހިލާފް ކަމެއް ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.
މިއާއެކު ފެންނާން ހުރި މި ހަގީގަތްތަކުގެ މައްޗަށް ބަލާއިރު، މި މައްސަލައިގައި ދައުލަތުން އެކަށީގެންވާ މިންވަރަށް ދިރާސާކުރުމަށްފަހު ދައުވާ ހުށަހަޅައިފައިވާ ކަމަށް ޝަރީއަތަކަށް ނުބެލެވޭ.އާދަމް މުހައްމަދު | މައްސަލަ ބެއްލެވި ގާޒީ
ހުކުމްގައި ގާޒީ ފާހަގަކުރައްވާފައިވާ ގޮތުން ކަންތައްތަކަށް ބަލާއިރު، ލުއި މިންގަނޑަކުން ކުށް ސާބިތުކުރުމުގެ ފުރުސަތު ދައުލަތަށް ލިބުނެވެ. އެކަމަކު ދައުލަތުން އެ ފުރުސަތު ދޫކޮށްލީ އެވެ. ކަންކަން މާ ފަސޭހަކޮށްލީ އެވެ. މައްސަލަ އެކަށީގެންވާ ވަރަށް ދިރާސާކޮށް، ހެކި ވަޒަންކޮށްފައިވާ ކަމާމެދުވެސް ގާޒީ ސުވާލު އުފެއްދެވި އެވެ.
ފުލުހުންގެ ފަރާތުން ވެސް ގިނަ ގޯސްތަކެއް
ތަހުގީގު މަރުހަލާގައި ފުލުހުން ހަދާ ގޯސްތަކުގެ ސަބަބުން ބޮޑެތި ކުށްވެރިން ދޫވެގެން ދިޔުމަކީ އާ ކަމެއް ނޫނެވެ. އެއީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެ ތުހުމަތު އެންމެ ބޮޑީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. ޔާމީންގެ މައްސަލަ ގުޅިފައި ވަނީ ދިރިހުރުމުގެ ހައްގު ލިބިގެންވާ މީހަކާ އެވެ. އެމީހާގެ ފުރާނަ އަނިޔާވެރި ގޮތަކަށް ބަޔަކު ނަގައިލައިފައިވާއިރު، ފުލުހުން މި މައްސަލައިގައި ގިނަ ގޯސްތަކެއް ހަދާފައިވެ އެވެ.
ޔާމީން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނާ ފުލުސް އޮފިސަރު ތަހުގީގުގައި އަދި ހެކިބަސް ދެމުން ބުނެފައި ވަނީ އޭނާ ޔާމީން ހޮސްޕިޓަލަށް ނުގެންދާ ކަމަށެވެ. އޭނާ ހުރީ ސީންގައި ކަމަށެވެ. އެކަމަކު މެޑިކޯ ލީގޯ ރީޕޯޓުގައި ޔާމީން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޮތީ އެ އޮފިސަރުގެ ނަމެވެ. މިހާ ކުދިކުދި ކަންކަމުގައި ފުށުއެރުންތައް ހުރި ކަމަށް ހުކުމްގައި އޮތެވެ.
މީގެ އިތުރުން ހަ މީހުންގެ ވީޑިއޯ އެނެލިސިސް ރިޕޯޓު ހެދި އޮފިސަރު ކޯޓުގައި ހެކިބަސް ދީފައި ވަނީ އެކަމަށް ތައްޔާރުނުވެ އެވެ. ބައެއް މައުލޫމާތުތަކަށް ބޭނުންވާ ލިޔެކިތުންތައް ނުލައި ކޯޓަށް އައުމުގެ ސަބަބުން ދިފާއުން ކުރިމަތިކުރުވި ފަންނީ އެކި ސުވާލުތަކަށް ޖަވާބުދޭން އޮފިސަރަށް އުނދަގޫވި އެވެ.
އަނެއްކަމަކީ، ދައުވާ ލިބޭ މީހުންގެ ފިންގާ ޕްރިންޓް ރިޕޯޓާ ގުޅިގެން އެވިޑެންސް ނެގި އޮފިސަރު ނޫން އެހެން އޮފިސަރެއްގެ ނަން ޗެއިން އޮފް ކަސްޓަޑީގައި އޮތުމެވެ. ފަހުން އެކަން އިސްލާހުކުރި ނަމަވެސް ހުކުމްގައި ބުނެފައި ވަނީ ފުލުހުން ނަގާ އަދި ތަހުލީލުކުރާ ހެކިތައް ނަގުލުވެގެން ދަނީ ސައްހަ އިޖުރާއަތުގެ ތެރެއިންކަން ކަށަވަރުކޮށްދޭން ތިބި ބަޔަކީ ފުލުހުން ކަމަށެވެ. އެމީހުންގެ ކިބައިން މިފަދަ ފަރުވާކުޑަ އަދި ދޯދިޔާ އަމަލުތަކެއް ފެނިގެން ނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގައި އެސްއޯޕީތައް ލިޔެފައިވާއިރު، އެއާ އެއްގޮތަށް ޓްރޭނިންތައް ލިބިފައިވާ މުވައްޒަފުން ވެސް ތިބޭއިރު އެއްބާވަތެއްގެ ރިޕޯޓުތައް ތައްޔާރުކުރަން އެކި ގޮތްގޮތަށް އަމަލުކުރާ ކަމަށެވެ.
"މި މައްސަލައިގައި ދިފާއުން ފާހަގަކުރި ގޮތަށް ފުލުހުން ކުރިން ތަހުގީގުކުރި އެހެން މައްސަލައެއްގައި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ތައްޔާރުކުރުމުގައި ތުހުމަތުކުރެވުނު ފަރާތްތަކުގެ އިސްކޮޅު ބަލައި އެފަރާތްތައް ސީނަށް ހާޒިރުކުރެވި މިންތައް ބަލައި އަޅައިކިޔިފައިވުމުން، މި މައްސަލައިގައި އެފަދައިން އަމަލުކޮށްފައި ނެތުމުން އެކަމާމެދު ދިފާއުން ސުވާލުއުފެއްދިއިރު، މިފަދަ ރިޕޯޓުތައް ތައްޔާރުކުރުމުގައި ސައިންޓިފިކް ފަހުގެ ސޮފްޓްވެއާ ބޭނުންކުރުމަށްފަހުގައި ވެސް މެނުއަލްކޮށް އަމަލުކޮށްފައިވުމުން، ހަމަ ހަގީގަތުގައި ވެސް ފުލުހުންގެ ތެރޭގައި އަމަލުކުރަނީ ހަމަ އެއް ސްޓޭންޑާޑެއްގެ ދަށުން ޕްރޮފެޝަނަލް ނިޒާމެއްގެ ތެރެއިން ކަމާއިމެދު ދިފާއަށް ސުވާލު އުފެއްދުމުގެ މަގު ތަނަވަސްވެގެންދާ ކަމަށް ބެލެވެ އެވެ." ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.
ޔާމީން ދިރިއުޅޭ ގެއިން ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖުން މީހަކު ފޯނާ ކުޅޭ މަންޒަރު ފެނެ އެވެ. ބެލެވޭ ގޮތުގައި ގެއިން ބޭރުގައި ތިބި ބަޔަކާ އޭނާ މުއާމަލާތް ކުރަނީ އެވެ. ސިއްރު ހެކިވެރިޔާ އެކެއް ބުނެފައިވާ ގޮތުން އެމީހުން އެ އަމަލަށް ފަހު މަސްދަތުރެއް ދިޔަ އެވެ. އަދި ފޯނުތަކާއި ސިމްތައް މޫދަށް އުކައިލި އެވެ. އެކަމަކު ގާޒީ ވިދާޅުވި ގޮތުގައި އެ ސިމްތަކުން ކޮށްފައިވާ މުއާމަލާތްތައް މައްސަލައިގެ އަސްލަށް ވާސިލްވުމަށްޓަކައި ތަހުގީގުކޮށް ހޯދައި ބަލަން ޖެހެ އެވެ. ތަހުގީގަށް އެކަން ހޯދިފައިނުވާނަމަ ނުހޯދުނު ސަބަބު ވެސް ބަޔާންކޮށްދޭން ޖެހޭނެ އެވެ.
ސީސީޓީވީ ފުޓޭޖާއި ގުޅޭގޮތުން ދައުލަތުން ފާހަގަކުރި ކަންކަމަށް ބާރު ލިބިދޭ ހެކިތައް އެފަދައިން ރަގަޅަށް ތަހުގީގުކުރި ނަމަ، އެފަދަ ހެކި ގަރީނާ ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝަރީއަތުން ދެކެމެވެ،އާދަމް މުހައްމަދު | މައްސަލަ ބެއްލެވި ގާޒީ
މި މައްސަލާގައި ދައުވާ އުފުލި އިސްމާއީލް ރަޝީދުގެ ކަރުން މީހަކު ވަކި ދަމާފައި ހުރި ކަމުގެ ނިޝާންތަކެއް ހުއްޓެވެ. އެއީ ފުލުހުން އަނިޔާކުރުމުގެ ސަބަބުން ވެފައިވާ ކަމެއް ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެ އަނިޔާއަކީ އޭނާ ހައްޔަރުކުރުމުގެ ކުރިން ލިބިފައިވާ އަނިޔާއެކެވެ. އެ އަނިޔާ ލިބިފައި ވަނީ ޔާމީނަށް ހަމަލާ ދިނުމުގެ ތެރެއިން ކަމަށް ބެލެވެ އެވެ. ޔާމީންގެ ހަށިގަނޑު ތަހުގީގުގެ ބޭނުމަށް އެއްވެސް ސާމްޕަލެއް ނަގައިފައެއް ނުވެ އެވެ.
ގާޒީ ވިދާޅުވެފައި ވަނީ އެ ސާމްޕަލް ނެގިނަމަ ކޮންމެވެސް އެކަށީގެންވާ ހެއްކެއް ލިބުމުގެ ފުރުސަތު އޮތް ކަމަށެވެ. މިކަމުގައި ވެސް ފުލުހުންގެ އިހުމާލު ސާފުކޮށް ފާހަގަކުރެެއްވި އެވެ.
ދެ މީހުން ކުށްވެރިވުން ވެސް ޕީޖީ ދެކެނީ ކާމިޔާބެއް ކަމަށް
ޔާމީން މަރައިލުމުގައި އެންމެ އިސްކޮށް ހަކާތްތެރިވި ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވެގެން ދިޔުމަކީ އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެކެ އެވެ. ދައުލަތުން ދެކޭ ގޮތުގައި ސަލާމަތްވި މީހުންގެ މައްޗަށް ގަސްދު މަރުގެ ކުށް ސާބިތުވާނެ މިންވަރަށް ހެކި އެބަ ހުއްޓެވެ. ރަގަޅަށް ދިރާސާކުރުމަށްފަހު މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމުގެ އިޝާރާތެއްވެސް ވަނީ ދީފަ އެވެ.
ޕީޖީ އޮފީހުން އެގޮތަށް ދެކުނަސް މި މައްސަލާގައި ފުރިހަމަ އިންސާފު ނުލިބޭ ކަމަށް ޔާމީންގެ އާއިލާއިން ބުނެ އެވެ. މުޅި މަައްސަލައަށް ބެލުމުން އިންސާފަށް ވާސިލުވުމަށް ކުރި މަސައްކަތުން ފެންނަނީ އެތައް އިހުމާލެކެވެ. އެހެން ކަމުން ޔާމީންގެ އާއިލާއިން ދެކޭ ގޮތަށް މައްސަލައަށް ފުރިހަމަ އިންސާފެއް ނުލިބޭ ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.