ރާއްޖޭގެ ޖަލުތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭނީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"މިހާރު ވާނުވާގައި، ޝަރުއީ ބަހުރުވައިން އަޅުގަނޑު ބޭނުން ކުރަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ ތިބުން، ޝަރީއަތް ނިމެންދެން މިހާރު ބަންދުކޮށްފައި ތިބޭނީ މައިގަނޑު ގޮތެއްގައި ގޭންގު މާރާމާރީތައް ނުވަތަ މީހެއްގެ މަރާ ގުޅުން ހުރި މައްސަލަތަކުގަ ނޫނީ ޑްރަގުގެ ވިޔަފާރި ކުރުމުގެ މައްސަލަތަކުގަ ނޫނީ ކުޑަކުދިންނާއި ޖިންސީ ފުރައްސާރައެއް ކޮށްފައިވާ މައްސަލަތަކުގައި،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މިފަދަ މައްސަލަތައް ފިޔަވާ އާދައިގެ މައްސަލަތަކުގައި މިހާރު ވާނުވާ ޖަހާފައި ނުވަތަ ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ނުބައިތިއްބާނެ ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ކިރިޔާވެސް ދޫކޮށްލެވެން ހުރި މީހެއް ހުރިނަމަ ދޫކުރުމުގެ މަސައްކަތް ކުރުމަށް މަހަކު އެއް ފަހަރު ނޫނީ ދެފަހަރު ޕްރޮސެކިއުޓާ ޖެނެރަލްއާއި ބައްދަލު ކުރައްވާކަމަށް އިމްރާން ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ގިނަ ވަނީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތް ނުނިމި ލަސް ވާތީ ކަން އިމްރާން ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ހިތުން އެފަދަ ފަރާތްތައް ދޫކޮށްލުމަކީ އަޅުގަނޑުމެން އެންމެންނަށްވެސް އެކަން ގަބޫލު ކުރެވޭނެ ކަމަށް ނުވާނެ. މިކަމުގެ ހައްލަކަށް އޮތީ ބަންދުކުރެވިފައި ތިބި ފަރާތްތަކުގެ މައްސަލަ (ޝަރީއަތް) އަވަހަށް ނިމިގެން ދާނެ ގޮތަކަށް ކުރެވެން ހުރި އިންތިޒާމުތައް ކުރުން ކަމުގައި ގަބޫލު ކުރަން،" އިމްރާން ވިދާޅުވި އެވެ.
ވާނުވާގައި ނުވަތަ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނަށް ގޮތެއް ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައިދުފުޅެކެވެ. މިނިސްޓަރު ވިދާޅުވީ ކުރިއާ އަޅާބަލާއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން މިހާރު މަދުވާނެ ކަމަށެވެ.