ޖޭއެސްސީ

ގާޒީ އަލީ ނަސީރަށް ފިޔަވަޅު، މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުކުރަނީ

ސިވިލް ކޯޓްގެ ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލަ ބަލާ އޭނާއަށް ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިރޭ ބުނީ ސިވިލް ކޯޓުގެ ދެ ގަޒިއްޔާއެއްގައި ހިމެނޭ ޚަޞްމުން އެ ދެ ގަސިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް އޭގެ ތެރެއިން އެއް ގަޒިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިވަގުތު ނެތްކަމަށް ކަނޑައަޅައި އަލީ ނަސީރު އެ ގަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް ހުކުމްކޮށްފައި ވަނީ އެ ގަޒިއްޔާގެ މައުލޫއަށް ހުކުމުކުރުމުގެ ބަދަލުގައި އަހަރު ދުވަސްވެފައިވާ މައްސަލައެއް ގާޒީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގްސަދުގައިކަން ތަހުގީގުގައި ސާބިތުވެފައިވާ ކަމަށެވެ.

‎ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގުސަދުގައި މައްސަލައިގެ ޚަޞްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ހުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

އެހެން ކަމުން ގާޒީ އަލީ ނަސީރުގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއް ކަމަށް ވަނީ ބުނެފައެވެ. ޖޭއެސްސީން ވަނީ އަލީ ނަސީރަށް އަޅާ ފިޔަވަޅެއްގެ ގޮތުން އޭނާ ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް ނިންމާފައެވެ.