ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ބަލައި ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ލޯފާމް ދަ ލިޓިގަންޓްސްގެ ފަރާތުން އެވެ.
ނާޒިމްގެ ލޯފާމުން ހުށަހެޅުއްވީ ގާޒީ ހާފިޒާ އަބްދުއްސައްތާރުގެ މައްސަލަ އާއި ގާޒީ ފައްޔާޒު ޝާތިރުގެ މައްސަލައެއް ބަލައިދޭށެވެ. ފައްޔާޒުގެ މައްސަލަ މި މަހުގެ އެއްވަނަ ދުވަހު ހުށަހަޅާފައިވާއިރު ހާފިޒާގެ މައްސަލަ ހުށަހެޅީ މިއަދު އެވެ.
ނާޒިމް ސޮއި ކުރައްވާ ޖޭއެސްސީއަށް ހުށަހަޅުއްވާފައިވާ ޝަކުވާގައި ބުނެފައި ވަނީ އެ ލޯފާމުގެ މުވައްކިލެއްގެ މައްސަލަ ދެ ގާޒީންގެ ސެކްޝަންގައި ބާއްވައިގެން މައްސަލަ ލަސް ކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފޮނުވާ ސިޓީތަކަށް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ.
މައްސަލަތައް ލަސް ކުރުމުން މުވައްކިލުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ވިދާޅުވެ ދެ ގާޒީންނަށް ފިޔަވަޅު އަޅައި ދިނުމަށް ވެސް އެދިފައި ވެއެވެ.
ޖޭއެސްސީ އަށް ހުށަހަޅާ ފަނޑިޔާރުންގެ މައްސަލަތައް ބަލައި އެ ކޮމިޝަނުން ވަނީ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ޖޭއެސްސީގެ ހުށަހެޅުންތައް މަޖިލީހަށް ބަލައިގަނެ ބައެއް ގާޒީންނާއި ފަނޑިޔާރުން މަގާމުން ވަކިވެސް ކޮށްފައިވެ އެވެ.