މި އަހަރުގެ ޖުމްހޫރީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ހާއްސަ އިނާމު ހާސިލްކުރި އެންމެ އަށް އަހަރުގެ ހާފިޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި ފަދައިން ދިވެހި ގައުމަށް "އަގުބޮޑު ހަދިޔާ" އެކެވެ. ހާއްސަ އިނާމު ދެއްވި ދުވަހާއި ޖެހިގެން އައި ދުވަހު ވެސް މުޅި ސޯޝަލްމީޑިއާ ފުރާލީ މި ކުޑަކުޑަ ހާފިޒް މައްޗަށް އޮހިގެންދިޔަ ލޯބިންނެވެ. ހަގީގަތުގައި ވެސް ލޯތްބާއި އިހްތިރާމާއި ޝުކުރު ހައްގު ކުއްޖެކެވެ. އެންމެ ހަ އަހަރުގައި ކީރިތި ޤުރުއާނުގެ 114 ސޫރަތް ހިތުދަސް ކުރުމަކީ ކުޑަކަމެއް ނޫނެވެ.
ބ. ހިތާދޫ ޒުވާން ދެމަފިރިންނަށް ލިބިފައިވާ ދެކުދިިންގެ ތެރެއިން ދޮށީ ފިރިހެން ދަރިފުޅު އަލްހާފިޒު އަމަން އަހްމަދު އާތިފަށް ލިބިނު އެވޯޑާ ގުޅިގެން އަވަސްގެ ޓީމުން އޭނާއާ ބައްދަލުކުރިއިރު ހުރީ އާދަޔާ ހިލާފަށް އުފާވެ "އެކްސައިޓް" ވެފަ އެވެ. ކެމަރާގެ ކުރިމަތީގައި ކީރިތި ޤުރުއާނުގެ އާޔަތްތަކެއް ކިޔާދީ އޭނާގެ ހުނަރު ދައްކާލުމަށް އެދުމުން އުފަލުން އެކަން ކޮށްދިނެވެ.
އަށް އަހަރުގެ އެހެން ކުދިން ގޮތަށް އަމަން އަކީ ވެސް ކުޅެ ސަކަރާތްޖަހައި އަދި އެކި ވަގުތަށް މޫޑުވެސް ބަދަލުވާ ކުއްޖެކެވެ. ނަމަވެސް އަމަންއާ އެހެން ކުދިންނާ ހުރި ތަފާތަކީ ކީރިތި ޤުރުއާން ކިޔެވުމާއި ހިތުދަސްކުރުމަށް ހުންނަ އާދަޔާ ހިލާފް ޝައުގުވެރިކަމެވެ.
އަމަންގެ މަންމަ އާއި ބައްޕަ ބުނި ގޮތުގައި އުމުރުން އެންމެ ތިން އަހަރުގައި އެމީހުންގެ ދަރިފުޅު އަމަން ޤުރުއާން ކިޔަވަން ފަށައިފި އެވެ.
"އަޅުގަނޑުމެނަށް ފާހަގަކުރެވުނީ އަމަންގެ ހިތުދަސްކުރުމުގެ ހުނަރު. ދެން އެންމެ ކުޑައިރުންސުރެ ޓީވީން އަޅުވައިގެން ޤުރުއާން ކިޔަވަނީ. އެހެން ކުދިން ކާޓޫން ބަލާހެން އަަމަން ބަލާހިތްވަނީ ކީރިތި ޤުރުއާން ކިޔަވާ ތަން،" އަމަންގެ ބައްޕަ ކިޔައިދިނެވެ.
ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު އަމަންގެ ފަރާތުން ފާހަގަކުރެވިގެން 2019 ވަނަ އަހަރު ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް އޭނާ އެންމެ ފުރަތަމަ ފެށީ މައިންބަފައިންނާ އެކު އަމިއްލަ ގޭގައި ކަމަށް އަމަންގެ މަންމައާ ބައްޕަ ބުންޏެވެ.
ދުވާލަކު ތިން ސަފުހާ ކަހަލަ ގޮތަކަށް ހިތުދަސްކުރަމުން ގޮސް މުޅި ޤުރުއާން ހިތުދަސްކުރުމަށްފަހު އެކްސެލް އިންޓަނޭޝަނަލް ސްކޫލުގައި ކީރިތި ޤުރުއާން އެއްކޮށް މުރާޖައާ ކުރުމަށް ތިން ހަފްތާ ހޭދަކުރި އެވެ.
މިދިޔަ އަހަރު ޖޫން މަހު މުޅި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ގުރުއާނާ ބެހޭ މަރުކަޒުގައިވެސް މުރާޖައާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެެވެ. ލަޖުނާއަށް ކިޔައިދިނުން ނިމުނީ މިއަހަރުގެ ސެޕްޓެމްބަރުގަ އެވެ. އަމަން ހާފިޒުކަމުގެ ސަނަދު ހާސިލުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
އެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ލޯބި ލޯބިކޮށް މައުސޫމުކޮށް އުޅޭ އަމަން ބުނި ގޮތުގައި ކީރިތި ގުރުއާން ކިޔެވުމުގެ އިތުރުން އެންމެ ކިޔަވާހިތްވަނީ ހިސާބާއި ދިވެއްސެވެ. އެގޮތުން އަދަބީ އެކިއެކި ހަރަކާތްތަކުގައި މިހާރުވެސް އަމަން ދަނީ ބައިވެރިވަމުންނެވެ. އަމަން ބުނި ގޮތުގައި އަދަބީ ގޮތުން އެންމެ ކުރާ ހިތްވާ ކަމަކީ ވާހަކަ ހުށަހެޅުމެވެ. ވާހަކަ ހުށަހެޅުމުގެ ހުނަރުވެސް އަމަންގެ ގައިގައި އެބަހުއްޓެވެ.
މިހާ ޅައުމުރުގައި ކީރިތި ޤުރުއާންގެ ބަރަކާތްތެރި އާޔަތްތައް ހިތުގައި ބިންވަޅުނެގިގެން ދިއުމަކީ، އަމަންގެ މުޅި އުމުރަށްވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ.
"ބޮޑުވެގެން ވާން ބޭނުމީ ޓީޗަރަކަށް،" އަމަން ބުންޏެވެ.
ކޮންކަހަލަ ޓީޗަރަކަށްތޯ ވާން ބޭނުމީ އަވަސްއިން އެހުމުން އަމަން ބުނީ ގުރުއާން ކިޔަވައިދޭ ޓީޗަރަކަށް ވާން ބޭނުންކަމުގަ އެވެ. އެހާ ތުއްތު އިރުވެސް އަމަންގެ އުއްމީދަކީ އުނގެނި ދަސްކުރި އެއްޗެއް އެހެން ކުދިންނަށް ވެސް އުންގަންނައި ދިނުމެވެ.
އަމަން ދަނީ ސުކޫލުގައި އޮންނަ ޤްރްރާން މުބާރާތް ތަކުން ރަންވަނަތަކެއް ވެސް ހާސިލް ކުރަމުންނެވެ. މި އަހަރުގެ ގައުމީ މުބާރާތުގައިވެސް މިހާރު ކިޔަވަމުން އަންނަ ރެހެންދި ސްކޫލުގެ ފަރާތުން ބައިވެރިވި އެވެ.
ދަރިފުޅު އެހާ ޅައުމުރުގައި ހާފިޒަކަށް ވުމަކީ އަމަންގެ މަންމައާއި ބައްޕައަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
"އަލްހަމްދު ލިﷲ. މިއީ އަޅުގަނޑުމެނަށް އާޚިރަތުގައި ވެސް ސަވާބު ލިބޭނެ ކަމަކަށްވާތީ އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ،" އަމަންގެ ބައްޕަ ބުންޏެވެ.
ދަރިފުޅުގެ ހުނަރު އެހާ ޅައުމުރުގައި ފާހަގަކުރެވިގެން އެކަމަށް މަސައްކަތް ކުރެވުނު ކަމަކީ މިކާމިޔާބީގެ ސިއްރު ކަމުގައި އަމަންގެ ބައްޕަ އަހްމަދު އާތިފް ބުންޏެވެ.
މިހާ ޅައުމުރުގައި ހާފިޒެއްގެ ލަގަބު ލިބުނީ، ތުއްތުއިރު އެކަމަށް ޝައުގުވެރިކަން އުފައްދާ، އެ ހުނަރު ކުރިއަރުވަން މައިންބަފައިން ކުރި ބުރަ މަސައްކަތުގެ ސަބަބުންނެވެ. ﷲގެ ރަހްމަތްފުޅުން އަމަން އަކީ ތޫނުފިލި ކުއްޖެކެވެ.
އަމަންގެ މަންމަ ދެކޭ ގޮތުގައި އެކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަކަށް ޝުކުރު ހައްގެވެ. އެގޮތުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި، އެކްސެލް އިންޓަނޭޝަނަލް ސްލޫލާއި، އަމަންގެ ހުރިހާ ޓީޗަރުން އަދި އަމަންގެ އަގު ވަޒަން ކުރީތީ ސަރުކާރަށްވެސް ޝުރު އަދާކުރި އެވެ.
"ކޮންމެ ކުއްޖެއްގެ ވެސް ހުންނާނެ ހުނަރެއް. އެ ހުނަރު ކުޑައިރު ދެނެގަނެ ކުރިއަރުވަން މަސައްކަތް ކުރީމަ ކާމިޔާބުވާނެ،" ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ އާތިފް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބުނެދިނީ ވަރަށްވެސް މުހިއްމު ވާހަކަ އެކެވެ. މިއީ ކޮންމެ ބެލެނެރިވެރިޔަކު ވެސް ނަގައިގަންނަންވީ ފިލާވަޅެކެވެ.
ކުޑަކުޑަ އަމަންގެ މިއާދަޔާ ހިޔާފު ވާހައިގެ ހިކުމަތަކީ، ގަދައަޅާ މަަސައްކަތް ކުރުމުން ކޮންމެ ކަމެއްވެސް ކާމިޔާބުވާނެ ކަމެވެ. އެކަމުގައި ވަކި އުމުރެއް އިސްތިސްނާ ނުވާ ކަމެވެ.