އެޗްޑީސީ

ބެޗް ކޮންސްޓްރަކްޝަނުން ޕްރިމިއަމް ވިލާ އަޅަނީ

ހުޅުމާލެގައި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން އެޅުމަށް ހަމަޖެހިފައިވާ ޕްރިމިއަމް ވިލާގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ. އަދި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު އެވެ.

އެޗްޑީސީ އިން ތަރައްގީކުރަން ނިންމާފައިވާ ޓޫރިޒަމް އައިލެންޑާއި ދާދި ގާތުގައި ތިން ލައްކަ އަކަފޫޓުގެ ބިމެއްގައި ބިނާ ކުރެވޭ މި ޕްރިމިއަމް ރެސިޑެންޝަލް މަޝްރޫއުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް, ޑުޕްލެކްސް ޓައުންހައުސް، ޓައުންހައުސް ތައާރަފް ކުރެވޭނެ އެވެ.

މިގޮތުން ކޮންމެ ޔުނިޓެއްގައި 2000 އަކަފޫޓު ހުންނާނެ އެވެ. އަދި މި އިމާރާތް ހުންނާނީ 1200 އަކަފޫޓުގެ ޖާގަ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެހެން ފަރުމާކޮށްފަ އެވެ.

މިތަނުގައި ސެމީ ގާޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަހުޑް، ރެސިޑެންޓް ބަގީޗާ، ގާޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ހިދުމަތްތައް ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އެވެ. އަދި އެކްލޫސިވްކޮށް ލެޕް ޕޫލް، ޕޫލް ހައުސް، ވެލްނެސް ސެންޓަރު، ރިކްރިއޭޝަން ސެންޓަރު، މަލްޓި ޕާޕަސް އިވެންޓް ހޯލާއި ކޮމާޝަލް ކޮމްޕްލެކްސްގެ ހިދުމަތްވެސް މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ އެވެ.

މި މަޝްރޫއާއި އެކު ލަގްޒަރީ ލިވިން ތައާރަފްވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ އެވެ. އަދި ހުޅުމާލެއަށާއި ރާއްޖެއަށް އިގްތިސާދީ އަދި އިޖުތިމާއީ ގިނަ ފައިދާތައް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.