އެޗްޑީސީ

އެޗްޑީސީ އިން ސްމާޓްކޮމް ފެއާ ބާއްވަނީ

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް ބާއްވަން ނިންމައިފި އެވެ.

އެޗްޑީސީގެ މި ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ.

މި ފެއާގައި ސްމާޓް ސިޓީ ސޮލިއުޝަންތަކާ ބެހޭ މުހިއްމު މައުލޫމާތާއި އެހެނިހެން ޑިޖިޓަލް ހިދުމަތްތަކާ ބެހޭ މައުލޫމާތުގެ އިތުރުން ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި އެޗްޑިސީ އިން ބުނެ އެވެ.

މިގޮތުން ލަކީ ޑްރޯގެ ތަފާތު އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗެއް، 300 ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާ ރައުޓަރެއް، އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗަރުތަކެއް ހިމެނެ އެވެ.

"މީގެ ފަހުން ކޮންމެ އަހަރަކުވެސް މި ފެއާ އޮންނާނެ. މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކުރުވާ އަދި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރު ކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށް" އެޗްޑީސީއިން ބުނެ އެވެ.

ސްމާޓްކޮމް އަދި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކު ހިދުމަތްތައް ފެށިތާ އެއް އަހަރު ވުމާ ގުޅިގެން އެ ކޯޕަރޭޝަނުން އަންނަނީ ތަފާތު ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ.