ހައިކޯޓް

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ފަނޑިޔާރުކަމަށް ފުރުސަތު ހުޅުވާލައިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

މި މަގާމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާނަމަ އެވެ. އަދި އުމުރުން 25 އަހަރު ފުރިފައިވާނަމަ އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައި މިވަނީ ޝުއައިބު ހުސައިން ޒަކަރިއްޔާ މިމަހުގެ 22 ވަނަ ދުވަހު ރިޓަޔާވާތީ އޭނާގެ ބަދަލުގަ އެވެ.

ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވައެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ވެސް ވަނީ މިމަހުގެ ކުރީކޮޅު ރިޓަޔާވާން އެދިވަޑައިގެން ޖޭއެސްސީއަށް ހުށަހަޅުއްވާފަ އެވެ.