ހައިކޯޓް

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލުލަމަށް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފަ އެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހްމަދު ޝަކީލް ރިޓަޔާކުރެއްވުމަށް ހުށަހަޅުއްވައި ޖޭއެސްސީ އިން އެކަން ގަބޫލުކޮށްފައިވާތީ އޭނާގެ ބަދަލުގައެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް ވެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގައި މިވަގުތު 11 ފަނޑިޔާރުން އެބަތިއްބެވި އެވެ. ހައިކޯޓުގެ އިސް ފަނޑިޔާރަކަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކޮށްފަ އެވެ.