ރައްޔިތުންގެ މަޖިލިސް

ހައިކޯޓުގެ ފަނޑިޔާރުކަމުން ހަމީދު ވަކިކުރަން ފާސްކޮށްފި

Jun 6, 2022

ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަނޑިޔާރު ކަމުން ހަމީދު ވަކިކުރުމަށް މަޖިލީހުގެ ޖަލްސާގައި މިއަދު ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުން ފުރަތަމަ ވޯޓަށް އެހީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ރައޫފާއި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށެވެ.

ކޮމިޓީގެ ރިޕޯޓް ފާސްކުރުމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. ރިޕޯޓް ފާސްކުރުމާ ދެކޮޅަށް 48 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން ކޮމިޓީގެ ރިޕޯޓް ފާސްކުރެވޭ ގޮތެއް ނުވި އެވެ. އޭގެފަހުން މަޖިލީހުގެ ރިޔާސަތުން ދެން ވޯޓަށް އެހީ ފަނޑިޔާރު ހަމީދު މަގާމުން ވަކިކުރުމަށެވެ.

ފަނޑިޔާރު ކަމުން ހަމީދު ވަކިކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އޭނާ މަގާމުން ވަކިކުރެއްވުމަށް ތާއީދުކުރައްވާ ވޯޓު ދެއްވީ 58 މެންބަރުންނެވެ. ވަކިކުރަން ފެނިވަޑައި ނުގަންނަވާ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ހަމީދު ވަކިކުރުމަށް މެންބަރުންގެ އަގުލަބިއްޔަތު ލިބުމާ ގުޅިގެން އޭނާ އެ މަގާމުން ވަކިކުރެވިފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ވަނީ މަޖިލިސް ތަޅުމުގައި އިއުލާންކުރައްވާފަ އެވެ.

ޖޭއެސްސީން ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ރައޫފާއި ފަނޑިޔާރު އަބްދުﷲ ހަމީދާ ގުޅޭގޮތުން ބެލީ އުސޫލުގެ ބޭރުން ފްލެޓެއް ބައްލަވައިގެން ކަމަށް ބުނާ މައްސަލަ އެވެ. މި ފްލެޓް ދެ ފަނޑިޔާރުން ބައްލަވައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

އެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދު ބައްލަވައިގަނެފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އެ މައްސަލަ ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނާ ހިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން ސާބިތުވާ ކަމަަށްވެސް ބުނެފައިވެ އެވެ.

އެހެންވެ އެ މައްސަލަ ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދުގެ މައްޗަށް ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ކަނޑައަޅާފައިވެ އެވެ. މި މައްސަލައިގައި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވެސް ހިމެނެ އެވެ. އެކަމަކު އެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމުން ސަމީރު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށްފައި ވަނިކޮށް ރައޫފް ވެސް ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

ޖޭއެސްސީން ދެ ފަނޑިޔާރުންނާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ނިންމާފަ އެވެ. ނަމަވެސް ކޮމިޓީގެ ތުހުމަތު ޖޭއެސްސީން ދޮގުކުރެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަދެއްކެވިއިރު މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވުނެވެ. ހިޔާލު ތަފާތުވުން އުފެދުނީ ދެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ތަހުގީގުކުރިއިރު އިޖުރައާތުތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވާތީ އެކަމުގަ އެވެ.

ބައެއް މެންބަރުން ވިދާޅުވީ އިޖުރައާތުތައް ފުރިހަމަ ނުކޮށް ކޮށްފައިވާ ތަހުގީގަކަށް ބުރަވެ ފަނޑިޔާރުން ވަކިކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަމާ ދެކޮޅަށް ވާހަކަދެއްކެވި މެންބަރުން ވިދާޅުވީ ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ކުރެވެނީ އުސޫލުން ބޭރުން ފްލެޓް ބައްލަވައިގެންނެވި ކަމުގެ ތުހުމަތު ކަމަށާއި އެ ތުހުމަތު އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންވެ ދެ ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށް އެގޮތަށް ވާހަކަދެއްކެވި މެންބަރުން ވިދާޅުވެފައިވެ އެވެ.