ހައިކޯޓް

ހައިކޯޓުގެ ފަނޑިޔާރަކަށް ދީބާނާޒާއި ސަލީމު

Aug 9, 2022

ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރައްވައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު އައްޔަންކުރެއްވީ ކ.މާލެ މ. ގުލްޝަން އަލްއުސްތާޒާ ދީބާނާޒް ފަހުމީ އާއި ފ. ބިލެތްދޫ، މޯނިންގްވިލާ، އަލްއުސްތާޒު މުހައްމަދު ސަލީމް އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު އެވެ.

މިރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ބަންޑާރަނައިބް އަދި ޖޭއެސްސީގެ މެންބަރު އިބްރާހީމް ރިފްއަތާއި ޖޭއެސްސީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދީބާނާޒް ފަހުމީއަކީ ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ހާސިލް ކުރެއްވުމަށްފަހު، މާސްޓާ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވަސިޓީ އޮފް ކެންޓަބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ދީބާނާޒް އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ދީބާނާޒް މިވަގުތު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ. ގާޒީގެ މަގާމަށް ދީބާނާޒް އައްޔަންކުރީ ސެޕްޓެންބަރު 2، 2020 ގައެވެ.

އަލްއުސްތާޒު މުހައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާ އިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. މުހައްމަދު ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. 

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދީބާނާޒް އާއި ސަލީމު އައްޔަންކުރަން ނިންމާ ޖޭއެސްސީން އެކަން އިއުލާން ކުރީ މިދިޔަ ޖުލައި ހަތްވަނަ ދުވަހު އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ކުރިން އެ މަގާމުތަކުގައި ތިއްބެވި އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ. މި ދެ މަގާމަށް މާލޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ގިނަ ގާޒީންތަކެއް ކުރިމަތިލެއްވި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ކުރިން ހުންނެވި އަލީ ސަމީރު ވެސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ ވަނީ އެ މަގާމަށް ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ މުހައްމަދު ވެސް އައްޔަންކޮށްފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.