ހައިކޯޓް

ހައިކޯޓު ހިންގުން ޝަހީދުއާ ހަވާލުކޮށްފި

Nov 17, 2022

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު، ފަނޑިޔާރު ހުސައިން ޝަހީދުއާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު މިގޮތަށް ނިންމާފައި މިވަނީ ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ، މިމަހުގެ ހަވަނަ ދުވަހު ރިޓަޔާކުރެއްވުމަށް އެ ކޮމިޝަނަށް ހުށަހެޅުއްވުމުންނެވެ. ހާތިފްގެ ރިޓަޔާމަންޓް ޖޭއެސްސީން ވަނީ ގަބޫލުކޮށްފަ އެވެ.

ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ހާތިފް ހަމަޖެއްސެވީ ނޮވެމްބަރު 26، 2020 ގައެވެ.

ފަނޑިޔާރު ހާތިފް ރިޓަޔާ ކުރެއްވީ ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޝުއައިބް ހުސައިން ޒަކަރިއްޔާ ވެސް މިދިޔަ މަހު ރިޓަޔާކުރައްވަން ނިންމަވާ ޖޭއެސްސީން އެކަން ގަބޫލުކޮށްފައި ވަނިކޮށެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވި ފަނޑިޔާރު ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ ޖުލައި 24، 2018 ގައެވެ.

ހުސައިން ޝަހީދުއަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމާއި ދައުލަތުގެ ވަކީލު ކަންވެސް ކުރައްވާފަ އެވެ.