ދިރާގު

ދިރާގު ފުޓުބޯޅަ އީދު: ވޯލްޑްކަޕަށް ހާއްސަ ޕްރޮމޯޝަންތަކެއް

ވޯލްޑްކަޕަށް ހާއްސަކޮށްގެން "ދިރާގު ފުޓުބޯޅަ އީދު"ގެ ނަމުގައި ބައިވަރު ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ ދިރާގު ފުޓުބޯޅަ އީދުގެ މަގުސަދަކީ ވޯލްޑްކަޕް ދުވަސްވަރު ފުޓުބޯޅައަށް ދިވެހިން ކުރާ ލޯބީގައި ދިވެހިންނާއެކު އަދި ރާއްޖޭގައި އުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނާއެކު ބައިވެރިވުން ކަމަށެވެ.

އެގޮތުން ދިރާގުގެ ފުރަތަމަ ޕްރޮމޯޝަނަކީ "ޖެހީ ލިބުނީ"ގެ ނަމުގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިފައިވާ ޕްރޮމޯޝަނެކެވެ. ޖެހީ ލިބުނީ ޕްރޮމޯޝަންގައި ބައިވެރިވުމަށް ދިރާގުގެ ވެބްސައިޓުގައި ޖެހީ ލިބުނީ ޕްރޮމޯޝަނަށް ހާއްސަ ޕޭޖުގައި ރަޖިސްޓާ ކޮށްލުމުން ނިމުނީ ކަމަށް ދިރާގުން ބުނެ އެވެ. ރަޖިސްޓަ ކުރަން ޖެހޭނީ އެންމެ ފަހަރަކު ކަމަށާއި ބޭނުންވާ މައުލޫމާތު ތަކަކީ އީމެއިލް އެޑްރެސްއާއި ފޯނު ނަންބަރާއި ސަޕޯޓު ކުރާ ޓީމުކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

މި ޕްރޮމޯޝަނުގައި އެމީހަކު ސަޕޯޓް ކުރާ ޓީމް ކުޅޭ ކޮންމެ މެޗެއްގައި އެ ޓީމު ޖަހާ ކޮންމެ ގޯލަކަށް އެއް ޖީބީ ޑޭޓާ ހިލޭ ލިބިގެން ދާނެ އެވެ. ނަމަވެސް އެންމެ ގިނައިން ލިބޭނީ ފަސް ޖީބީ ޑޭޓާ ކަމަށާއި އެ ޓީމުން ފަސް ގޯލަށްވުރެ އިތުރަށް ގޯލް ޖެހިޔަސް ފަސް ޖީބީއަށް ވުރެ ގިނައިން ނުލިބޭނެ ކަމަށެވެ. އަދި ލިބޭ ޑޭޓާ ބޭނުން ކުރެވޭނީ ދެ ދުވަސް ވަންދެން ކަމަށްވެސް ދިރާގުން މައުލޫމާތުދެ އެވެ.

ދިރާގު ފުޓުބޯޅަ އީދުގެ ދެވަނަ ޕްރޮމޯޝަނަކީ "މެޖިކް ޑޭޓާ"ގެ ނަމުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ދަށުން 350 ރުފިޔާއަށް 25 ޖީބީ ޑޭޓާ ލިބިގެން ދާނެ އެވެ. އަދި މީގެ އިތުރުން 100 އިންސައްތައާއި ހަމައަށް ހިލޭ ޑޭޓާވެސް ލިބިގެން ދާނެ އެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަންގައި އޮތީ ކަސްޓަމަރުންގެ ނަސީބު ކަމަށެވެ. ކޮންމެ ފަހަރަކު 100 އިންސައްތަ ހިލޭ ޑޭޓާ ނުލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ވޯލްޑްކަޕް ދުވަސްވަރާއި ދިމާކޮށް ދިރާގުން ހުޅުވާލި ތިންވަނަ ޕްރޮމޯޝަނަކީ ދިރާގު ފައިބަ ބްރޯޑްބޭންޑް، މޯބައިލް ބްރޯޑްބޭންޑް، ޕޯސްޓްޕެއިޑް އަދި އެލްޓީއީ ބްރޯޑްބޭންޑްގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެކެވެ.

"ޑަބަލް ޑޭޓާ"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ވޯލްޑްކަޕް ދުވަސްވަރު ކަސްޓަމަރުން އެކްޓިވޭޓް ކުރާ ހުރިހާ ބޫސްޓަ ޑޭޓާއަކަށް 100 އިންސައްތަ އިތުރަށް ލިބިގެން ދާނެ އެވެ. އިތުރަށް ލިބޭ އެއްވެސް ޑޭޓާއަކަށް އިތުރު ހަރަދެއް ނުދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން ވޯލްޑްކަޕް ދުވަސްވަރު ކޮންމެ ފަސް ދުވަހަކުން ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންމެވެސް ކުޅުންތެރިޔެއްގެ ކުރެހުމެއް ފެންނާނެ އެވެ. "ގެސް ދަ ޕްލެޔާ"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި އެ ކުޅުންތެރިޔާގެ ނަން ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން ކޮންމެ ފަސް ދުވަހަކުން ފަސް ނަސީބު ވެރިއަކަށް 3،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަންގެ ހުރިހާ ބުރެއްގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގޭމެއްވެސް ދިރާގުން ދިނުމަށް ހަމަޖެހިފަ އެވެ.