ޖޭއެސްސީ

ފަނޑިޔާރުން ޗުއްޓީ ނަގާނަމަ ދުރާލާ އެންގުމަށް އެދިއްޖެ

ފަނޑިޔާރުން ޗުއްޓީ ނަގަން ބޭނުންވާނަމަ ދުރާލާ އެންގުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފި އެވެ.

ޖޭއެސްސީން ފޮނުވާފައިވާ ސާކިއުލާގައި އަންގާފައިވަނީ ކޮންމެ އަހަރެއް ފެށުމުގެ ކުރިން ފަނޑިޔާރުން ޗުއްޓީ ނަގަން ބޭނުންވާ ތާރީހުތައް ދުރާލައި ކަނޑައެޅުމަށްފަހު ޖޭއެސްސީ އަށް އެންގުމަށެވެ.

ސާކިއުލާގައިވާ ގޮތުން އަންނަ އަހަރު ފަނޑިޔާރުން ޗުއްޓީ ނަގާނަމަ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ޗުއްޓީގެ ދުވަސްތައް ކަނޑައަޅައި ޖޭއެސްސީ އަށް އަންގަންޖެހެ އެވެ.

ގިނަ ފަނޑިޔާރުންތަކެއްގެ ޗުއްޓީ އެއް ދުވަސްވަރަކާ ދިމާ ނުވާނެހެން ޗުއްޓީގެ ކަންކަން އިންތިޒާމު ކުރުމަށްވެސް އަންގާފައިވެ އެވެ.

ޖޭއެސްސީން ބުނީ ޗުއްޓީ ނެގުމަށް ވަކި އުސޫލުތަކެއް ހަމަޖައްސަން އެންގީ ކޯޓުގެ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތެއް ހެދުމަށްޓަކައި ކަމަށެވެ.

ފަނޑިޔާރަކަށް ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އިސްފަނޑިޔާރުގެ އިޒުނަފުޅާއި އެކު ޗުއްޓީ ލިބޭނެ ކަމުގައިވެސް ސާކިއުލާގައި ބުނެފައިވެ އެވެ.