އެޗްޑީސީ

އެޗްޑީސީ އިން މާސްޓަކާޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދުނިޔޭގެ އެކި ސިޓީތަކާއި ވިޔަފާރިތަކާއި ތައުލީމީ އަދި އިޖުތިމާއީ ދާއިރާ ކުރިއަރުވަން އެކުލަވާލާފައިވާ "ސިޓީ ޕޮސިބަލް" ނެޓްވޯކުގެ މެންބަރަކަށް ވުމަށް އެޗްޑީސީ އިން ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މާސްޓާކާޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސިޓީ ޕޮސިބަލް އަކީ މީގެ ތިން އަހަރު ކުރިން އުފައްދާފައިވާ މިހާރު 50 ގައުމަކުން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށް ވުރެ ގިނަ ކޮމިއުނިޓީތައް ހިމެނޭ ނެޓްވޯކެކެވެ.

ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ.

މި ނެޓުވޯކުގެ މެމްބަރަކަށް ވުމުން އެޗްޑީސީ އިން ކުރިއަށްގެންދާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

މިގޮތުން އެހެން ސިޓީތަކުގައި ބޭނުން ކުރަމުން އަންނަ ތަފާތު ސްމާޓް ސޮލިއުޝަންތަކާ ބެހޭ ތަޖުރިބާކާރު މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް ދިވެހިރާއްޖޭގައި އަދި ހުޅުމާލެ ފަދަ ސިޓީއެއްގައި އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެގިގެން ދާނެ އެވެ. އަދި ހުޅުމާލެ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދެނެގަނެވި ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މަގުފައިވެގެންދާނެކަމުގައި އެޗްޑީސީ އިން ބުނެއެވެ.

ރައްޔިތުންނަށް ލުއިފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށްޓަކައި އެޗްޑީސީން އަންނަނީ އެކޯޕަރޭޝަންގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އޯޕަން އެކްސެސް ނެޓުވޯކަކާއިއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ހުޅުމާލޭގައި ގާއިމުކޮށް ތަފާތު ޑިޖިޓަލް ސޮލިއުޝަންތައް ދަނީ ތައާރަފު ކުރަމުންނެވެ.