މީރާ

ބޮޑު ކުރި ޓެކްސްގެ އަދަދުތަކަށް ސަމަލުވާން އަންގައިފި

ޖީއެސްޓީއާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ އަދަދު އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރަން ނިންމާފައިވާތީ އެކަމަށް ސަމާލުވުމަށް ދައުލަތުގެ ޓެކްސް އިދާރާ -- މީރާ އިން އަންގައިފި އެވެ.

މިހާރު ހަ އިންސައްތައިގައި ނަގަމުން އަންނަ ޖީއެސްޓީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަގާނީ އަށް އިންސައްތައިގަ އެވެ. 12 އިންސައްތައިގައި ނަގަމުން އަންނަ ޓީޖީއެސްޓީ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ނަގާނީ 16 އިންސައްތައިގަ އެވެ.

މީރާގެ ސަމާލުގައިވާ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުގެ މެންދަމު 00:00ގެ ކުރިން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ވާނީ ބޮޑު ރޭޓުގަ އެވެ.

ބޮޑު ކުރި ޓެކްސް ނެގުމަށްޓަކައި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ހިދުމަތުގައި އެ ތާރީހުން ފެށިގެން އާ ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް ވެސް މީރާ އިން އިލްތިމާސް ކޮށްފައިވެ އެވެ.

މީރާ އިން ބުނީ ބޮޑު ކުރި ޓެކްސްއާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މީރާގެ ހޮޓްލައިން އަށް ގުޅައިގެން އަދި އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރާ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވަނީ ތަސްދީގުކުރައްވާފަ އެވެ.