މީރާ

ކޮތަޅު ފީގެ ގޮތުގައި 14 މިލިއަން ރުފިޔާ

ފްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށި ފަހުން އެ ފީ އިން ދައުލަތަށް މިހާތަނަށް 14 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.

އެ ގޮތުން ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ އެޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕްލާސްޓިކް ކޮތަޅު ފީ އިން މިދިޔަ އަހަރު ދައުލަތަށް 12.6 މިލިއަން ރުފިޔާ ލިބުނެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު 1.4 މިލިއަން ރުފިޔާ ލިބުނެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.

ގާނޫނުގެ އެ މާއްދާ އިސްލާހުކުރަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.