ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އެކުލަވައިލައިފައިވާ "ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު" ފެބްރުއަރީ 22 ވަނަ ދުވަހު ގެޒެޓްކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑިސެމްބަރު 18، 2022 ގައި ތަސްދީގު ކުރެއްވި "ކުނި މެނޭޖްކުރުމުގެ ޤާނޫނު" ގައި ވާގޮތުން، އެޕްރީލް 18، 2023 އިން ފެށިގެން ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހެ އެވެ.
މީރާގައި ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މީރާއަށް ދެއްކުން މި ގާނޫނުން ވަނީ ލާޒިމުކޮށްފަ އެވެ. އަދި މީރާގައި ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އެ ޤާނޫނުގެ ދަށުން ފީ ނެގުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވާލަންޖެހޭ ގަވާއިދު، ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭ މީރާއިން އެކުލަވާލަންވާނެ ކަމަށް ކަނޑައަޅާފައި ވެއެވެ. ފެބްރުއަރީ 22 ވަނަ ދުވަހު ގެޒެޓްކުރި ގަވާއިދަކީ މި ގޮތުން ގެޒެޓުކުރި ގަވައިދެކެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީ ހިސާބުކުރާނެ ގޮތާއި، ޓެކްސް ބަޔާނުގައި ފީގެ މައުލޫމާތު ހިމަނާނެ ގޮތް، އަދި، ފައިސާ ދައްކާނެ ގޮތް މި ގަވައިދުގައި ހިމަނާފައިވެ އެވެ.
ވިޔަފާރި ހަރަކާތްތަކުން، އެޕްރީލް 18، 2023 އިން ފެށިގެން ފެށިގެން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގަންވާނެ ކަމަށާއި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެ ފަރާތަކުން ހުށަހަޅަންޖެހޭ ޖީއެސްޓީ ބަޔާނުގައި އެ ފަރާތުން ޖީއެސްޓީ ބަޔާން ހުށަހަޅާ މުއްދަތައް ނިސްބަތްވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ މަޢުލޫމާތު ހިމަނައި، ޖީއެސްޓީ ދެއްކުމުގެ ސުންގަޑީގެ ނިލަޔަށް ޕްލާސްޓިކް ކޮތަޅުގެ ފީ ވެސް މީރާއަށް ދައްކަންވާނެ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިންނެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީ، ބައެއް ކަހަލަ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވެ އެވެ. މި ގޮތުން ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު އަދި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ" އިން މި ފީ ނެގުން އިސްތިސްނާވެ އެވެ.
ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ހިންގާ ވިޔަފާރި ހަރަކާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ކަސްޓަމަރުގެ އަތުން ނަގާފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދަކީ ޤާނޫނާއި ގަވާއިދާ އެއްގަތޮށް ހިސާބުކޮށްފައިވާ އަދަދެއްކަން ކަށަވަރު ކުރެވޭ މިންވަރަށް ލިޔެކިޔުން ބަލަހަހައްޓަން ވާނެ ކަމަށާއި ބަލަހައްޓަން ޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ގަވާއިދުގައި ވަނީ ހިމަނާފަ އެވެ.
މީރާގައި ޖީއެސްޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު ހުށަނާޅާނަމަ ނުވަތަ މި ފީ މީރާއަށް ނުދައްކާނަމަ އަޅާނެ ފިޔަވަޅުތައް ގަވާއިދުގައި ހިމަނައިފައިވެ އެވެ.