ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ އިންކަމް ޓެކްސް އާއި ޕެންޝަން ފައިސާ އާއި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދައްކަންޖެހޭ ގޮތަށް ކަމާގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ކެބިނެޓްގެ މި ނިންމުން ސަރުކާރުގެ ފަރާތުން ހާމަކުރެއްވީ ބަންޑާރަނައިބް އަހްމަދު އުޝާމު މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ބަންޑާރަނައިބް ވިދާޅުވީ ދައުލަތަށް ޑޮލަރު ލިބުން ދަތިވާ މައްސަލަ ހައްލުކުރުމަށްޓަކައި ޕެންޝަން ގާނޫނާއި އިންކަމް ޓެކްސް ގާނޫނު އަދި މީރާގެ ގާނޫނު އިސްލާހުކުރުމަށްފަހު ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދައްކަންޖެހޭ ގޮތް ހަދާނެ ކަމަށެވެ. މިބަދަލުތައް ގެނައުމުގެ ކުރިން އެމްއެމްއާއި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ގާނޫނުތަކާއި ގަވައިދުތަކަށް އިސްލާހު ގެެނެސްގެން އަޅުގަނޑުމެން މިކަން ކުރާނަން. މިކަން ކުރަން ކެބިނެޓުން ވަނީ ނިންމާފައި. އެއީ ޑޮލަރުން އިންކަމް ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް ކަނޑައަޅަން،" ބަންޑާރަނައިބް ވިދާޅުވި އެވެ.
އުޝާމު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަން ފައިސާ އަދި ކަސްޓަމްސް ޑިއުޓީ ފަދަ އާމްދަނީގެ ފައިސާ މިހާރު ބައެއް ފަހަރު ދިވެހި ރުފިޔާ އިން ދައްކާ ކަމަށެވެ. ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އެ ތަންތަނުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭނަމަ ދައުލަތަށް ދައްކަންޖެހޭ ފައިސާވެސް ޑޮލަރުން ދެއްކޭނެ ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް ވިދާޅުވި އެވެ.
ބަންޑާރަނައިބް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާ އިން ދެއްކުމަށްފަހު ކަޅު ބާޒާރުގައި ޑޮލަރު ވިއްކައިގެން ބޮޑު ފައިދާ ހޯދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެހެންވެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ގެނައުމަށްފަހު މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އަދި ކަމާ ގުޅޭ ގަވައިދުތައް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އިސްލާހު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުވެސް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީން ގާނޫނާއި ގަވައިދުތަކުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާ އުސޫލުން ކުންފުނިތައްވެސް ގާނޫނުތަކުގެ ތެރެއަށް ވައްދާ، އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރާ ގޮތް ހަދަންޖެހޭ ކަމަށެވެ.