ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އިތުރު ބާރުތައް ދޭން ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މީރާއަކީ މީގެ ކުރިން އެންފޯސްމަންޓް މަސައްކަތް ވަރަށް ރަނގަޅަށް ކުރަމުން އައި އިދާރާއެއްކަން ފާހަގަކުރައްވާ އުޝާމް ރޭ ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރު ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ބައެއް ބާރުތައް ގެއްލިފައިވާ ކަމަށެވެ.
އެހެންކަމުން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާ ހޯދުމަށް މީރާއަށް ދަތިތައް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ މި ދައުރުގައި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހުތަކެއް ގެންނާނަން،" އުޝާމް ވިދާޅުވި އެވެ.
މީގެ އިތުރުން ދައުލަތަށް ނުލިބިހުރި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް މީރާގެ ގާނޫނު އޮތް ގޮތުން އެ އިދާރާއިން މިހާރު ކުރާކަށް ނުޖެހެ އެވެ. އެކަން ހައްލުކުރުމަށް މީރާއަށް ބާރު ދޭން އިސްލާހު ގެންނާނެ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.
މީރާއަށް އިތުރު ބާރު ދޭން ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އުޝާމް ވިދާޅުވިއިރު ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށް ވުރެ ގިނަ ފައިސާ ނުލިބި އެބަހުރި ކަމަށާއި މީގެ ތެރެއިން ބޮޑު ބައެއް ހިމެނެނީ ބިމުކުއްޔާއި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.
ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާގެ ތަފްސީލް އިތުރަށް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބިމު ކުލީގެ ގޮތުގައި 513 މިލިއަން ޑޮލަރާއި ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން ޑޮލަރާއި ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނޭ ކަމަށެވެ.