ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަނައިބު ވަކިކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ބަންޑާރަނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކުރަން އެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ގާސިމް އިބްރާހީމް ވަނީ ބިލްގައި ބަންޑާރަނައިބު އުނިކުރަން ހުށަހެޅި އިސްލާހު ނޫން އެހެން ހުރިހާ އިސްލާހުތަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ގާސިމް ވިދާޅުވީ ބާ ކައުންސިލްގައި ބަންޑާރަނައިބު އިންނެވުން ނުވަތަ ނީންނެވުމަކީ އެ ކައުންސިލްގެ ކަންކަން ގޯސްކޮށް ހިނގާނެ ސަބަބެއް ކަމުގައި ވިސްނުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
ދައުލަތް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ދުވަހުން ދުވަހަށް މައުލޫމާތު ލިބިވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކުޑަކުރުމަކީ އިސްލާހުކުރުން ނޫން ކަމަށެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިންނަށް ބޭނުންވާ ބައެއް ލިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް ހިމެނެ އެވެ.