މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހުކުރާނީ މައުލޫމާތު ހޯދަން އެއްވެސް ދައްޗެއް ނުވާ ގޮތަށް ކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ބަންޑާރަނައިބް އުޝާމް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހުކުރުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިގެން ކުރާ މަސައްކަތެއް ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ ގާނޫނު އިސްލާހު ކުރި ނަމަވެސް މައުލޫމާތު ހޯދައި ލިބުމުގައި ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ.
އުޝާމް ވިދާޅުވި ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ގެންނަ މައިގަނޑު އިސްލާހަކީ ބައެއް ކަންކަމުގައި އިޖުރާއަތުތައް ފުރިހަމަކޮށްލަންޖެހޭތީ އެކަމާ ގުޅޭ އިސްލާހުތަކެއް ކަމަށެވެ. ގާނޫނު މިހާރު އޮތް ގޮތުން އިންފޮމޭޝަން ކޮމިޝަނަރަށާއި ބައެއް އިދާރާތަކަށްވެސް ދަތިވާ ކަންތައްތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއިސްލާހުތައް ގެނައުމުގެ ކުރިން މަޝްވަރާތައްވެސް ކުރާނަން ކަމާ ގުޅޭ ބޭފުޅުންނާ އެކު،" އުޝާމު ވިދާޅުވި އެވެ.
ބަންޑާރަނައިބް އިތުރަށް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި ހެއްކާ ބެހޭ ގާނޫނާއި އަދިވެސް އެހެން ބައެއް ގާނޫނުތަކަށް ޒަމާނާ އެއްގޮތަށް އިސްލާހީ ރަނގަޅު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ ބަދަަލުތައް ގެންނާނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ލިބުމުން ކަމުގައިވެސް ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ގެ އަޑުއެހުންތަކަށް ރައީސް އޮފީހުން ހާޒިރު ނުވާ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.