މީރާ

މައި ކެމިސްޓުގެ ވެރިޔާއަށް ދައުވާކުރަން އެދިއްޖެ

ޓެކްސް ދެއްކުމުގައި މަކަރު ހަދާ ކަމަށް ބުނެ، މައި ކެމިސްޓުގެ ވެރިޔާ ހުސައިން އިރުފާނަށް ދައުވާކޮށްދިނުމަށް ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.

މީރާއިން ބުނީ އިރުފާން ގަސްދުގައި ޓެކްސް ދެއްކުމަށް މަކަރު ހަދާކަމަށް ތުހުމަތު ކުރެވޭ ކަމަށާއި 2018 އަދި 2019 ވަނަ އަހަރު ހުށަހަޅާފައިވާ ބީޕީޓީ ބަޔާންތަކުގެ އިތުރުން 2020 ވަނަ އަހަރު ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މީރާ އިން ބުނީ "މައި ކެމިސްޓް ގޯޑައުން"އާ ގުޅޭ އެއްވެސް އާމްދަނީ އެއް 2018 އިން ފެށިގެން 2020 އާ ހަމައަށް ހުށަހެޅި ބަޔާންތަކުގައި ނެތް ކަމަށެވެ. އަދި އިރުފާން މިކަން ކުރީ ޓެކްސް ނުދެެއްކުމަށް ކަމަށްވެސް މީރާއިން ތުހުމަތު ކުރެ އެވެ.

މީރާއިން ބުނީ އެ އިދާރާއަށް ނުދައްކާ ހުރި 12 މިލިއަން ރުފިޔާ ދެއްކުމަށް އިރުފާނަށް އަންގާފައިވާނެ ކަމަށެވެ.

މީގެއިތުރުން އިރުފާނުގެ ވިޔަފާރިއަށް އަހަރަކު ލިބޭ އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް 53 މިލިއަން ރުފިޔާ ރިޕޯޓުކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުތަކުން އެނގިފައިވާ ކަމަށްވެސް މީރާއިން ބުނެ އެވެ.