މީރާ

ކޮތަޅު ފީގެ ގޮތުގައި 11 މިލިއަން ރުފިޔާ

ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 11.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކޮތަޅުން ފީ ނަގަން ފެށިފަހުން ޖެހިގެން އައި މޭ މަހުގެ ނިޔަލަށް އެކަނިވެސް 1.1 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.

ކޮތަޅު ފީގެ ގޮތުގައި ޖޫން މަހު 778،693 ރުފިޔާ ލިބުނުއިރު ޖުލައި މަހު 4.1 މިލިއަން ރުފިޔާ އަދި އޮގަސްޓް މަހު 1.7 މިލިއަން ރުފިޔާ ލިބުނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ކޮތަޅު ފީގެ ގޮތުގައި ސެޕްޓެމްބަރު މަހު 484،246 ރުފިޔާ ލިބުނުއިރު އޮކްޓޫބަރު މަހު 2.5 މިލިއަން ރުފިޔާ އަދި މިދިޔަ ނޮވެމްބަރު މަހު 996،997 ރުފިޔާ ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް ލިބުނެވެ.

ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން އެޕްރީލް 18 ވަނަ ދުވަހުން ފެށިގެންނެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.

ގާނޫނުގެ އެ މާއްދާ އިސްލާހުކުރަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.