އާމްދަނީ އިން ނަގާ ޓެކްސް -- އިންކަމް ޓެކްސް އިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 4.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންކަމް ޓެކްސް އިން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 ޕަސަންޓް އިތުރުވުމެކެވެ.
އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 3.9 ބިލިއަން ރުފިޔާ އެވެ.
ކުންފުނިތަކާއި އެހެނިހެން ފަރާތްތަކުގެ އިންކަމް ޓެކްސްގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ މިއަހަރު ދައުލަތަށް ލިބިފައިވާއިރު ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ޓެކްސްގެ ގޮތުގައި 853 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީގެ އިތުރުން ފަރުދުންގެ އިންކަމް ޓެކްސްގެ ގޮތުގައި 310 މިލިއަން ރުފިޔާ އަދި ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި 967 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ޖުމްލަ 18.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރެއިން 25 ޕަސަންޓަކީ އިންކަމް ޓެކްސް އިން ލިބުނު އާމްދަނީ އެވެ.