މީރާ

ފުރަތަމަ ހަ މަހު މީރާއަށް 12 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ފުރަތަމަ ހަ މަހު އާމްދަނީގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަދަދަކީ ނިމިގެން ދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 11.3 ބިލިއަން ރުފިޔާއަށްވުރެ 10 ޕަސަންޓު އިތުރު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑޮލަރުން ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ މިއަހަރުގެ މި މުއްދަތުގައި އިތުރުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 487.9 މިލިއަން ޑޮލަރު ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 462.4 މިލިއަން ޑޮލަރެވެ.

އާމްދަނީ މަހުން މަހަށް

  • ޖެނުއަރީ - 3.4 ބިލިއަން ރުފިޔާ
  • ފެބްރުއަރީ - 1.72 ބިލިއަން ރުފިޔާ
  • މާޗް - 2.19 ބިލިއަން ރުފިޔާ
  • އެޕްރީލް - 1.86 ބިލިއަން ރުފިޔާ
  • މޭ - 1.71 ބިލިއަން ރުފިޔާ
  • ޖޫން - 1.61 ބިލިއަން ރުފިޔާ

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީއިންނެވެ.

ޖީއެސްޓީ އިން ޖުމްލަ 6.87 ބިލިއަން ރުފިޔާ ލިބުނުއިރު މި އަދަދަކީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 55 ޕަސަންޓެވެ. މީގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އިން ލިބުނު 4.8 ބިލިއަން ރުފިޔާ އާއި ޖެނެރަލް ޖީއެސްޓީ އިން ލިބުނު ދެ ބިލިއަން ރުފިޔާ ހިމެނެ އެވެ.

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ އިންކަމް ޓެކްސްއިންނެވެ. އިންކަމް ޓެކްސް އިން 2.6 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ އާމްދަނީގެ 20 ޕަސަންޓެވެ.

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޖީއެސްޓީ ރޭޓަށް ގެނެވުނު ބަދަލު ހިމެނެ އެވެ.