މީރާ

މީރާއަށް ލިބުނު އާމްދަނީ ދަށަށް، މިދިޔަ މަހު ލިބުނީ 1.79 ބިލިއަން ރުފިޔާ

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ ދަަށަށް ގޮސްފި އެވެ.

މިދިޔަ މަހު މީރާއަށް ލިބިފައިވަނީ 1.79 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 1.2 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ ދަށްވީ ކޮވިޑާ ގުޅިގެން ފަތުރުވެރިން އައި މިންވަރު ދަށްވެ ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައްވެސް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވުމުން ކަމަށް މީރާ އިން ބުނެ އެވެ. އެގޮތުން، ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވިކަން މީރާއިން ފާހަގަކުރި އެވެ.

ނަމަވެސް، ޓޫރިޒަމް ދާއިރާގެ އިގްތިސާދު މިހާރު ރަނގަޅުވަމުން ދާތީ، ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުން އަންނަ ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު މިރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީން ނަގާ ޓެކުހުން ނެވެ. އެ ޓެކުހުން 777.46 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 43.4 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީއިން އެވެ. އެއީ 734.60 މިލިއަން ރުފިޔާއެވެ.

އިތުރަށް ހިމެނެނީ ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 57.35 މިލިއަން ރުފިޔާ އާއި ޓޫރިޒަމް ލޭންޑް ރެންޓް ގޮތުގައި 52.34 މިލިއަން ރުފިޔާ އާއި ބީޕީޓީގެ ގޮތުގައި 45.57 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބުނު 123.35 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 46.01 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.