ހަބަރު

މީރާގެ ލަފާ: އާމްދަނީން 48 ޕަސެންޓް ދަށްވާނެ

May 27, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދާއެކު ގިނަ ވިޔަފާރިތައް ހުއްޓިފައިވާއިރު، މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މިއަދު އެންއީއޯސީގައި މީރާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީ) ފަތުހުﷲ ޖަމީލް ވިދާޅުވީ މި އަހަރު އާމްދަނީގެ ގޮތުގައި 17.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް ގޮސްފައި ވާތީ، ދައުލަތުގެ އާމްދަނީއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.

އެގޮތުން، އިގުތިސޯދު އަލުން ފަށައިގަނެވޭނެ ތަފާތު ހާލަތްތަކަށް ރިއާއަތްކޮށް އާމްދަނީއަށް އަސަރު ކުރާނެ ފަސް ސެނާރިއޯއެއް މީރާ އިން ބަލާފައިވާނެ ކަމަށާއި، އެ އަދަދުތައް ފިނޭންސް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާ ކުރަމުން އަންނަ ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

އާމްދަނީ ލިބޭނެ ކަމަށް ލަފާކުރާ ސެނާރިއޯތައް

  • ސެނާރިއޯ 1: 10.29 ބިލިއަން ރުފިޔާ
  • ސެނާރިއޯ 2: 9.58 ބިލިއަން ރުފިޔާ
  • ސެނާރިއޯ 3: 8.95 ބިލިއަން ރުފިޔާ
  • ސެނާރިއޯ 4: 7.67 ބިލިއަން ރުފިޔާ
  • ސެނާރިއޯ 5: 6.62 ބިލިއަން ރުފިޔާ

ފަތުހުﷲ ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި އޮތް ހާލަތަށް ބަލާއިރު، މިއަހަރުގެ އާމްދަނީ ލިބޭނެ ކަމަށް ލަފާ ކުރެވެނީ ސެނާރިއޯ ތިނެއްގެ ދަށުން 8.95 ބިލިއަން ރުފިޔާ އެވެ.

"އަޅުގަނޑުމެނަށް ބޮޑަށް ލަފާ ކުރެވެނީ އާމްދަނީ ލިބޭ މިންވަރު ހުންނާނީ ސެނާރިއޯ ތިނެއްގައި ކަމަށް. އެގޮތަށް ބަލާ ނަމަވެސް، އެއީ ކުރިން ލަފާ ކުރި އާމްދަނީގެ 48 ޕަސަންޓް ދަށްވުމެއް،" ފަތުހުﷲ ވިދާޅުވި އެވެ.

ބަލިމަޑުކަމާ ގުޅިގެން، ޓޫރިޒަމާއެކު ގިނަ ވިޔަފާރިތަކެއް ހުއްޓިފައި ވާއިރު، މިދިއަ ޖެނުއަރީ މަހުން ފެށިގެން މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭ އާމްދަނީ މަޑުމަޑުން ދަށްވަމުން އަންނަ ކަމަށް ވެސް ފަތުހުﷲ ފާހަގަ ކުރެއްވި އެވެ.

އެގޮތުން، ޖެނުއަރީ މަހު 1.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، އޭޕްރީލް މަހު އެ އަދަދު 527 މިލިއަން ރުފިޔާއަށް ދަށްވެ، މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އެ އަދަދު 109 މިލިއަން ރުފިޔާއަށް ވެއްޓިފައިކަމަށް އޭނާ ވިދާޅުވި އެވެ.

ފަތުރުވެރިކަަމުގެ ދާއިރާއަށް ކުރާ އަސަރުގެ ސަބަބުން އާމްދަނީ ދަށްވެ، މި ސަރަހައްދުން އެންމެ ގެއްލުންވާނެ ގައުމަކީ ރާއްޖެ ކަމަށް ވޯލްޑް ބެންކުން ވެސް ވަނީ ލަފާކޮށްފަ އެވެ.

ނަމަވެސް، ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އަންނަ ޖުލައި މަހުން ފެށިގެން ޓޫރިސްޓުންނަށް ރާއްޖެ އަލުން ހުޅުވާލުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.