ޓެކްސްގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނުލިބި ހުރީ ކޮވިޑް-19ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަމަލުކުރަމުންދިޔަ "އެކްޝަން ޕޮލިސީ" އަށް ކޮވިޑާ އެކު އަމަލުކުރުން ހުއްޓާލުމުން ކަމަށާއި އެ ޕޮލިސީތަކަށް އަލުން އަމަލުކުރަން ފެށުމަށްޓަކައި މަޝްވަރާތަކެއް ފަށާފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނާ ވިދާޅުވީ ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ ސީދާ ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބިވާ ކަމަށާއި އެއީ ކޮވިޑް-19އާ އެކު މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ބައެއް ޕޮލިސީތަކަށް މީރާ އިން ވަގުތީގޮތުން އަމަލުކުރުން ހުއްޓާލުމުން ދިމާވި ކަމެއް ކަމަށެވެ.
"[ޕޮލިސީތަކަށް އަމަލުކުރުން] އެއީ އެއިރު [ކޮވިޑް 19ގެ ކުރިން] ކުރެވުނު ވަރަށް ރަނގަޅު މަސައްކަތެއް، އޭގެ ސަބަބުން ޓެކްސް ދެއްކުމަށް ބާރުއެޅިގެންދިޔަ،" ކޮމިޝަނާ ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ އެ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކު ޓެކްސް ދައްކަމުން ދިޔަ ކަމަށާއި އެއިރު އަމަލުކުރަމުން ދިޔަ "އެކްޝަން ޕޮލިސީ" އަށް އަލުން އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާތަކެއް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
އެއްވެސް ފަރާތަކުން ޓެކްސް ނުދައްކާނަމަ ހިދުމަތްދޭ އިދާރާތަކުން އެ ފަރާތަކަށް ވަގުތީ ގޮތުން ހިދުމަތް ދިނުން ހުއްޓާލުމަށް އެންގުމުގެ ބާރު އެކްޝަން ޕޮލިސީގެ ތެރެއިން މީރާއަށް ލިބިގެންވެ އެވެ.
ކޮމިޝަނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާއަކުން އެ ޕޮލިސީއަށް އަމަލުކުރުމަށް ވަރަށް އަވަހަށް އަންގަވާނެ ކަމަށެވެ. އޭގެ ސަބަބުން ޓެކްސް ނުދައްކާ ފަރާތްތަކަށް ވަގުތީގޮތުން ހިދުމަތް ދިނުން މެދުކެނޑިގެންދާނެ ކަމަށެވެ.
ކޮމިޝަނާ އިތުރަށް ވިދާޅުވީ މިއީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މީރާގެ އުސޫލުތަކަށް ގެނެވޭ ބަދަލުތަކެއް ނޫން ކަމަށާއި، ވިޔަފަރިތަކާއި ގުޅިގެން މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ބާރުއެޅުމަށް ކުރާ މަސައްކަތެއް ކަމަށެވެ.