މީރާ

"ގުޅިގެން މީރާ" އިނީޝިއޭޓިވް އިފްތިތާހުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "ގުޅިގެން މީރާ" ގެ ނަމުގައި ހާއްސަ އިނީޝިއޭޓިވްއެއް އިފްތިތާހުކޮށްފި އެވެ.

"ގުޅިގެން މީރާ" އިފްތިތާހުކުރީ މީރާގެ 14 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގަ އެވެ.

މި އިނީޝިއޭޓިވް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށް ދެއްވާ "ގުޅިގެން މީރާ" އިފްތިތާހުކޮށް ދެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ.

"ގުޅިގެން މީރާ" ގެ މަގުސަދަކީ މީރާ އާއި ޓެކްސް ދައްކާ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ކުރާ އިތުބާރު އިތުރުކުރުމަށާއި މީރާގެ ސްޓޭކްހޯލްޑަރުން -- ޓެކްސްދައްކާ ފަރާތްތައް، ޓެކްސް އެޖެންޓުން، ޓެކްސް ކޮންސަލްޓަންޓްސް، ދައުލަތުގެ އެހެނިހެން އިދާރާތައް، އާންމު ރައްޔިތުންނާ އޮންނަ ގުޅުން ވަރުގަދަކޮށް ވޮލަންޓަރީ ކޮމްޕްލަޔަންސް އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ އިނީޝިއޭޓިވްއެއް ކަމަށް މީރާ އިން ބުނެ އެވެ.

މީގެ އިތުރުން މީރާއިން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފަހިކޮށްދީ ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހުގެ ޒިންމާ އެފަޓްލަސްކޮށް ދިނުމަކީ މި އިނީޝިއޭޓިވްގެ އަމާޒެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރެ އެވެ.

މި އިނީޝިއޭޓިވްގެ ދަށުން މީރާގެ މުވައްޒަފުންގެ މެދުގައިވެސް ހަރަކާތްތަކެއް ވަނީ ރާވާފަ އެވެ.

"ގުޅިގެން މީރާ" އިފްތިތާހު ކުރުމުގެ ހަފުލާގައި މީރާގެ ކޮމިޝަނާ ޖެނެރަލް ހަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނާ އަސްމާ ޝަފީއު، މީރާގެ ކުރީގެ ކޮމިޝަނާ ޖެނެރަލް ފަތުހުﷲ ޖަމީލާއި މީރާގެ ކުރީގެ އަދި މިހާރުގެ އިސްބޭފުޅުންނާއި ބޯޑު މެންބަރުންނާއި އަދި މީރާގެ މުވައްޒަފުން ބައިވެރިވި އެވެ.