ރައީސް އޮފީސް

މީރާގެ ވެރިއަކަށް ޒަރީރު އައްޔަންކުރައްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފި އެވެ.

ހަސަން ޒަރީރު އެ މަގާމަށް އައްޔަންކުރައްވާ ފަތްކޮޅު ދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މިއަދު އައްޔަން ކުރެއްވި ހަސަން ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ހަސަން ޒަރީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓާ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރުގެ މަގާމެވެ. އަދި ބެންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމު މިއަހަރުގެ މާޗް މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަދާކުރެއްވި އެވެ.

އޭނާ މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

ހަސަން ޒަރީރު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގައި ބެޗެލާސް އޮފް އެކައުންޓިން އަދި މާސްޓަރ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން ހަސަން ޒަރީރު ވަނީ އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އާއި، އޮސްޓްރޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓް ގެ ކޮލިފިކޭޝަން ހާސިލްކުރައްވާފަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.